ވިޔަފާރި

ބޯޑަރ މައިލްސްގެ ފުރަތަމަ ޕާޓްނަރަކަށް "ކްރޮސްރޯޑްސް މޯލްޑިވްސް"


މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގެ ފުރަތަމަ ޕާޓްނަރަކަށް "ކްރޮސްރޯޑް މޯލްޑިވްސް" ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ރަސްމީކޮށް ލޯންޗްކޮށްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްނަގައިގެން ތައާރަފްކޮށްފައިވާ ޕްރޮގުރާމެކެވެ. މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

މި ޕްރޮގުރާމްގެ ޕާޓްނަރަކަށްވުމުގެ ފުރުސަތު އިމިޤްރޭޝަނުން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. އިމިގްރޭޝަނުން ބުނީ ބޯޑަރ މައިލްސް ޕްރޮގްރާމްގެ ފުރަތަމަ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ "ކްރޮސްރޯޑް މޯލްޑިވްސް" ކަމަށެވެ.

އެހެން ލޯޔަލްޓީ ޕްރޮގްރާމްތަކާއި ޙިލާފަށް މި ޕްރޮގުރާމްގެ މެންބަރަކަށްވެ، ގިންތިތަކަށް ވާސިލްވުމުން ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައިވާ ފެސިލިޓީތަކުން މެންބަރުންނަށް ޙާއްސަ އިނާޔަތްތައް ލިބޭނެއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ޕާޓްނަރެއްގެ ގޮތުގައި "ކްރޮސްރޯޑް މޯލްޑިވްސް ހަމަޖެއްސުމުން އެތަނުން ފޯރުކޮށްދޭ ގިނަ ޙިދުމަތްތަކަކުން ބޯޑަރ މައިލްސްގައި ބައިވެރިވެފައިވާ ފަތުރުވެރިންނަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. ކްރޮސްރޯޑް މޯލްޑިވްސްއިން ފޯރުކޮށްދޭ ތަފާތު 8 ޙިދުމަތަކާއި ތަނަކުން މި ޕްރޮގްރާމްގެ ބައިވެރިންނަށް މިހާރު ޑިސްކައުންޓް ލިބޭނެ މަގު ވަނީ ފަހިވެފައެވެ. މީގެތެރޭގައި އެތަނުގެ ކެފޭތަކާއި ރެސްޓޯރަންޓްތަކުގެ އިތުރުން ސްޕާއާއި ޑައިވް ސެންޓަރުގެ ޙިދުމަތް ހިމެނެއެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވަނީ 3 ދަރަޖައަކަށެވެ. ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ" އެވެ. ސިލްވަރ އަށް "އަންތަރަ" ކިޔާއިރު ގޯލްޑް އަށް ކިޔަނީ "އަބާރަނަ" އެވެ. މިއިން ކޮންމެ ދަރަޖައަކަށް ލިބޭ އިނާޔަތްތައްވެސް ތަފާތެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފަތުރުވެރިންނަށް ޚިދުމަތްދޭ ފެސިލިޓީތަކާއި އަދި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި އެހެން ވިޔަފާރިތަކަށްވެސް ޕާޓްނަރުންނަށްވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކަމަށް ޝައުގުވެރިވާ ވިޔަފާރިތަކުން އީމެއިން ([email protected]) މެދުވެރިކޮށް އިމިގްރޭޝަނަށް އެކަން އެންގުމަށް އެވުޒާރާއިންވަނީ އެދިވަޑައިގެންފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅާ ޕާޓްނަރުންގެ އަތުން ފީއެއް ނުނަގާއެވެ. އިމިޤްރޭޝަނުން ބުނީ މިހާރުވެސް އިތުރު ތަންތަނުން ޕްރޮގްރާމްގެ ޕާޓްނަރުންނަށް ވުމަށް ހުށައަޅާފައިވާކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި އިތުރު ފެސިލިޓީތައް ޕާޓްނަރުންގެ ގޮތުގައި ހަމަޖެހިގެންދާނެކަމަށެވެ.

ބޯޑަރ މައިލްސް ޕްރޮގްރާމްގައި ބައިވެރިވުމަށް ފަތުރުވެރިން ރާއްޖޭގައި މަދުވެގެން 3 ދުވަސް މަޑުކުރަންޖެހެއެވެ. އަދި މަޑުކުރަންޖެހޭނީ ޓޫރިސްޓް ފެސިލިޓީއެއްގައެވެ. މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ތަޢާރަފުކުރި މި ޕްރޮގްރާމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރް.ސީއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައެވެ.