ކުޅިވަރު

ވިޓްސެލްގެ ފަޔަށް އަނިޔާގެ މިސީޒަންގައި އޭނާއަށް ގެއްލިދާނެކަމުގެ ބިރު


ޖަރުމަނު ބުންޑަސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅޭ ބެލްޖިއަމްގެ ތަޖްރިބާކާރު މިޑްފީލްޑަރ އެކްސެލް ވިޓްސެލްގެ ފަޔަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން އޭނާ މިސީޒަން ގައި އިތުރަށް ފެނުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް އެކްލަބުން ހާމަކޮށްފިއެވެ.

ވިޓްސެލްގެ ފަޔަށް އަނިޔާވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އާރްބީ ލިޕްޒިގްއާ ބައްދަލުކޮށް މޮޅުވި މެޗުގައެވެ. މިގޮތުން އެމެޗްގެ ފުރަތަމަ ހާފްގައި ވިނަގަނޑުގައި ފައިތިލަ ޖެހުނު ގޮތަކުން އޭނާގެ ފަޔަށް އަނިޔާވީކަމަށް ކްލަބުން ހާމަކުރެއެވެ. އަދި ޑޮކްޓަރުން ބެލުމަށްފަހު އޭނާ ފައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމުގައިވަނީ ހާމަކޮށްފައެވެ. އަދި އެހެން ވެއްޖެނަމަ ގިނަ ދުވަހު ކުޅުމާ ދުރުގާ ހުންނަން ޖެހޭނެއެވެ. ވިޓްސެލް ނެތް ތަން ޑޯޓްމުންޑްގެ މެދުތެރެއިން ވަރަށް ބޮޑަށް ދައްކާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން މިއަނިޔާގެ ސަބަބުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ މުބާރާތް ފެށެން ވާއިރަށް ވިޓްސެލް ފިޓްވާނެކަމާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ. ވިޓްސެލްއަކީ ބެލްޖިއަމް ޤައުމީ ޓީމްގެ މުހިންމު ކުޅުންތެރިއެކެވެ.