ވިޔަފާރި

ޗައިނާ-މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ އެގްޒިބިޝަން ފެށިއްޖެ


މޯލްޑިވްސް
އިންވެސްޓްމެންޓް ފޯރަމްގެ އެގްޒިބިޝަން ބައި މިއަދު ހެނދުނު ބޭޖިންގ ގައި ފެށިއްޖެއެވެ.



ބޭޖިންގ
ހޮޓެލް އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރގައި ޗައިނާ ގަޑިން ހެނދުނު 10:00 ޖެހިއިރު ފެށިގެން ކުރިއަށްދާ މި އެގްޒިބިޝަންގައި،
ސަރުކާރާއި، އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ރާއްޖޭގެ އަމިއްލަ ކުންފުނިތަކުން
ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުޞަތު ތަކާ ގުޅޭގޮތުން ތަފާތު މަޢުލޫމާތު ހިއްސާކުރުމަށް
ހަމަޖެހިފައިވެއެވެ. މިގޮތުން ހާއްސަގޮތެއްގައި ސަރުކާރުން ހިންގާ އެކިއެކި ބޮޑެތި
މަޝްރޫޢުތައް ޕްރޮމޯޓްކުުރުމަށް މި އެގްޒިބިޝަން ތެރެއިން މަސައްކަތް ކުރާނެއެވެ. 



މިއެގްޒިބިޝަންގެ
މި އަދުގެ ހެނދުނުގެ ދަންފަޅީގައި ހަކަތައާއި، ރިޔަސް އެސްޓޭޓް، ލޮޖިސްޓިކްސް، ދަތުރުފަތުރު،
ސިއްހީ ހިދުމަތް، ތަޢުލީމު، ކޮންސްޓްރަކްޝަން އަދި ބޭންކިންގ އާއި ފައިނޭންސިންގ ދާއިރާ
އާ ގުޅޭގޮތުން ހުރި އިންވެސްޓްމެންޓްގެ ފުރުޞަތުތަކުގެ މަޢުލޫމާތު އޮޅުން ފިލުވައި
ދިނުމަށް ހަމަޖެހިފައިވެއެވެ.



މީގެ އިތުރުން،
އެކިއެކި މަޝްރޫޢު ތަކާ ގުޅޭގޮތުން ތަފާތު ޕްރެޒެންޓޭޝަންތައް ދީ ކުންފުނިތަކާއި މަންދޫބުންގެ މެދުގައި ވަކިވަކި ބައްދަލުވުންތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. 



މި އިންވެސްޓްމެންޓް
ފޯރަމް ކަވަރ ކުރަމުންދާ ޕީއެސްއެމްގެ ރިޕޯޓަރ ހަފީޒާ ޢަބްދުއް ސައްތާރު ބުނާގޮތުގައި،
މިފޯރަމް ކުރިއަށް ދާތަން ވަނީ މިކަމަށް ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައެވެ. މިތަނުގައި،
ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކާއި، ޕްރައިވެޓް ކުންފުނިތައް ހަރަކާތްތެރިވަމުން
ދާއިރު، އިންވެސްޓް ފޯރަމަށް ޝައުގުވެރިވެ، ޗައިނާގެ ބޮޑެތި ކުންފުނިތަކާއި،
އެހެން ޤައުމުތަކުގެ ކުންފުނިތަކުގެ މަންދޫބުން އައިސް ހަރަކާތްތެރިވަމުންދާކަމަށް
އޭނާ ފާހަގަ ކުރެއެވެ.



އިންވެސްޓްމަންޓް
ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ބެއިޖިންގ އަށް ފުރާވަޑައިގަންނަވަމުން
ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިކޮނިމިކް މިނިސްޓަރ ސައީދު ވިދާޅުވެފައިވަނީ،  މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމް ސިންގަޕޫރުގައި
ބޭއްވި ފޯރަމަށްވުރެއް ކާމިޔާބު ވެގެންދާނެކަމަށެވެ. އެގޮތުން އިންވެސްޓަމަންޓް ފޯރަމަށް
600 އަށް ވުރެ ގިނަ ކުންފުނި ރަޖިސްޓްރީކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަ ކުރައްވާފައިވެއެވެ.  އޭގެތެރޭގައި ފޯރަމްބާއްވާ ގައުމު ޗައިނާގެ އިތުރުން
ސިންގަޕޫރު، އޮސްޓްރޭލިއާ، އިންޑިއާ، ސްރީލަންކާ އަދި އިރުމަތީއޭޝިއާގެ ގައުމުތަކުންވެސް
މިފޯރަމްގައި ބައިވެރިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ފާހަގަ ކުރައްވައެވެ.



ކުރިން
މި އިންވެސްޓްމަންޓް ފޯރަމްގައި ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވަޑައިގަންނަވާ ގޮތަށް
އޮތް ނަމަވެސް، ރިޔާސީ ލޯންޗުކޮޅުގައި ދެވުނު ހަމަލާއާ ގުޅިގެން  މިފަހަރުގެ ފޯރަމްގައި އެމަނިކުފާނު ބައިވެވަޑައިނުގަންނަވައެވެ.

މިފޯރަމް ރަސްމީގޮތުން ފެށުމަށް ހަމަޖެހިފައިވަނީ ޗައިނާ ގަޑިން މިއަދު މެންދުރު 2:00 ޖަހާކަންހާއިރު އެވެ. މިރޯރަމް ރަސްމީގޮތުން ފައްޓަވާ ދެއްވުމަށް ހަމެޖެހިފައިވަނީ ރާއްޖޭގެ ނައިބް ރައީސް އަހްމަދު އަދީބު އެވެ.