ވަކީލަކު ޢައްޔަނުކުރުމުގެ ފުރުޞަތު ނުދިން މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިބްރާހީމް ނަފީސްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދިޔަ ޤަޟިއްޔާއެއްގައި ދައުވާ ލިބުނު ފަރާތަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމުގެ ފުރުޞަތު އެ ޤަޟިއްޔާ ބެއްލެވި ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ނަފީސް ޙުސައިން ނުދެއްވި ކަމަށް ބުނާ މައްސަލައެއް ތަޙްޤީޤްކުރުމަށް އެކޮމިޝަނުން ނިންމާފައިވާކަމަށެވެ.
އަދި އެމައްސަލަ ޖޭއެސްސީން ބެލުމަށް ނިންމާފައިވާތީ، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ނަފީސް ޙުސައިންގެ ސުލޫކީ މި މައްސަލަ ތަޙުޤީޤުކުރުމަށް އިއްޔެ ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ތަހްޤީޤު ކޮމެޓީއެއްވެސްވަނީ އެކުލަވާލާފައެވެ.
ޖޭއެސްސީންދަނީ ކޯޓުތަކުގެ ފަނޑިޔާރުންގެ ފަރާތުން ފާހަގަވާ އެފަދަ ސުލޫކީ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.