ޚަބަރު

އައްޑޫ ފްލައިންގ ސްކޫލް 35,000 ރުފިޔާއިން ޖޫރިމަނާކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން ހިންގަމުން އަންނަ ފްލައިންގ ސްކޫލު 35،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ވިދާޅުވީ، އައްޑޫ ފްލައިންގ ސްކޫލު ޖޫރިމަނާކޮށްފައިވަނީ މަދަނީ ދަތުރުފަތުރުގެ ޤާނޫނުގެ ދަށުންކަމަށެވެ. އެގޮތުން އެ ޤާނޫނާއި ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގައި ޢަމަލުކުރާނެގޮތާއި، ޖޫރިމަނާކުރެވޭނެ އެންމެ މަތީ ޢަދަދު މަދަނީދަތުރުފަތުރުގެ ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. 2001 ވަނަ އަހަރު ޢަމަލުކުރަން ފަށާފައިވާ މި ޤާނޫނު ބުނާގޮތުން، ޤާނޫނާ ޚިލާފުވާ ފަރާތްތައް 100،000 ރުފިޔާއަށްވުރެ ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

އައްޑޫ ފްލައިންގ ސްކޫލު މައްސަލައިގައި ގިނަ ކަންތައްތަކެއް އިސްލާޙުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީންނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލަށް އަންގާފައިވެއެވެ. އެގޮތުން މިހާތަނަށް ވަކި ކުރުމަށް ނޯޓިސް ދީފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާޠިލުކުރުމަށް އެ ސްކޫލަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި އެ ސްކޫލުން އެގޮތަށް ޢަމަލު ނުކުރާނަމަ އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރިޕޯޓު ކުރުމަށާއި، މިގޮތަށް ހުށަހަޅާ ހުރިހާ ރިޕޯޓެއް ބަލާނެކަމުގެ ޔަޤީންކަންވެސް އެ މިނިސްޓްރީން ވަނީ ދެއްވާފައެވެ. އަދި ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތައް ތަންދޭ ކަމެއް ނޫންކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ކަމާބެހޭ ޤަވާޢިދުތަކާއި އުޞޫލުތަކަށް ޢަމަލުކުރުމަށްވެސް އެ ސްކޫލަށް މިނިސްޓްރީން އަންގާފައިވެއެވެ.

ފްލައިންގ ސްކޫލުގެ މެއިންޓެނަންސް އެޕްރޫވަލްތަކުގެ ދެ އޯޑިޓެއް މިދިޔަ ނޮވެމްބަރުމަހުގައި ކޮށްފައިވާއިރު، މި އޯޑިޓްތަކުގެ ނަތީޖާއެއްގެގޮތުން މެއިންޓެނަންސް ދާއިރާގައި އުޅޭ މައްސަލަތަކުގެ ލެވަލް 1 ގެ ފައިންޑިންތަކުގެ ސަބަބުން މަތިންދާ ބޯޓުތަކެއް ގްރައުންޑް ކުރަންޖެހުނުކަން ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި އެތަނުގައި ކިޔަވަމުންދާ ދަރިވަރުންގެ އުދުހުމުގެ ގަޑިތައް ހަމަކުރުމަށް ބޭނުންވާ ޢަދަދަށް މަތިންދާ ބޯޓުތައް ފްލައިންގ ކޮންޑިޝަނަށް ގެނައުމަށް އަންގާފައިވާކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިދިޔަ ސެޕްޓެމްބަރ މަހު ކުރި އޯޑިޓަށް ފަހު، އިތުރު އެއްވެސް ދަރިވަރަކު ކޯސްތަކުގައި އެންރޯލް ނުކުރުމަށް އައްޑޫ ފްލައިންގ ސްކޫލަށް އަންގާފައިވާއިރު، މި އެންގުމާ ޚިލާފަށް އިތުރު އެއްވެސް ދަރިވަރަކަށް އެޑްމިޝަން ދީފައިވާކަން މިހާތަނަށް ބެލިބެލުމުން ރެކޯޑުތަކަކުން ނުދައްކާކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި ސްކޫލުގެ ކޯސްތަކަށް ބިދޭސީ ދަރިވަރުންނަށް އެޑްމިޝަން ދިނުން މިހާރު މަނާކޮށްފައިވާ ކަމަށާއި، ބިދޭސީ ދަރިވަރުންނަށް އެޑްމިޝަންގެ ހުއްދަ އަލުން ދޭން ނިންމުމުން އެކަން އަންގާނެކަން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ވަނީ މޯލްޑިވްސް އިމިގްރޭޝަންގައިވެސް ދަންނަވާފައެވެ.

ފްލައިންގ ސްކޫލަށް ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް އަންގަވާފައިވާއިރު، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެންގުންތަކާ އެއްގޮތަށް ސްކޫލުގެ ފަރާތުން ޢަމަލު ކުރޭތޯ ކޮންމެ ދުވަހަކުވެސް ބެލުމަށް، އެ އޮތޯރިޓީގެ އިންސްޕެކްޓަރަކު ސްކޫލުގައި މަޑުކުރާ ގޮތަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން، ޑެއިލީ ސްޓޭޓަސް އަޕްޑޭޓް ދުވަހުން ދުވަހަށް އޮތޯރިޓީއަށް އަންގަމުން ގެންދެވޭނެކަމަށާއި، ދަރިވަރުންގެ މައްސަލަތައް ޙައްލުކުރަމުން ގެންދެވޭނެކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އައްޑޫގައި ހިންގަމުން އަންނަ ފްލައިންގ ސްކޫލްގައި، ބޭނުންވާ މިންވަރަށް ވަސީލަތްތައް ނެތުމުގެ ސަބަބުން އެތައް ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓި، އެކަމާއި ގުޅިގެން ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވަނީ ފްލައިންގ ސްކޫލްގެ ދަރިވަރުންނާއި ބައްދަލުކުރައްވައި، އެކުދިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ކަމާއިބެހޭ މުޢައްސަސާތަކުން ފްލައިންގ ސްކޫލްގެ މައްސަލަ ބަލަމުންދާއިރު، ރައްޔިތުންގެ މަޖިލީހުންވެސް ވަނީ މި މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ހަސަން ހާޒިރުކޮށް، މި މައްސަލައާއި ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއްވަނީ އޮޅުން ފިލުވާފައެވެ.