ޚަބަރު

ރަޖަމްކުރުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފި


ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއުމުގެ މައްސަލާގައި
ދައުލަތުން ދަޢުވާކުރި އަންހެނަކު ރަޖަމްކުރުމަށް ގއ ގެމަނަފުށި މެޖިސްޓްރޭޓް
ކޯޓުން ކުރި ހުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. ސުޕްރީމް
ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގައި ބުނެފައިވަނީ މިމައްސަލައިގެ ސަރީޢަތް
ހިންގައި ނިންމާފައިވަނީ މިބާވަތުގެ މައްސަލަތައް ބަލައި، ޝަރީޢަތް ކުރުމުގައި
އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށެވެ. އެހެން ކަމުން
މިޤަޟިއްޔާއަކީ ބާތިލު ޤަޟިއްޔާއެއް ކަމުގައި ކަނޑައަޅައި، މިމައްސަލައާގުޅޭ
ހުރިހައި ލިޔެކިއުންތައް މިއަދު މެންދުރު 12 ޖެހުމުގެ ކުރިން ސުޕްރީމް ކޯޓަށް
ފޮނުވުމަށް ގއ. ގެނަމަފުށީ މެޖިސްޓްރޭޓް ކޯޓުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
މިއީ، ރާއްޖޭގައި މީހަކު ރަޖަމްކުރުމަށް ހުކުމް ކުރި ފުރަތަމަ ފަހަރެވެ.



އެނގިފައިވާ ގޮތުގައި މިމީހާގެ މައްޗަށް ރަޖަމްކުރުމަށް
ނުވަތަ ކުދި ހިލައިން ތަޅާ މެރުމަށް މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވަނީ އޭނާ
ޒިނޭކުރިކަމަށް ޝަރީޢަތުގައި އިޢުތިރާފްވުމުންނެވެ. ސުޕްރީމް ކޯޓުން މިހުކުމް
ބާތިލުކޮށްފައިވަނީ މިމައްސަލައިގައި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވަނީ
ކުރެވުނު ދައުވާގައި ބަޔާންކޮށްފައިވާ ކުށާއި ގުޅިގެން ނޫންކަމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުން ބުނެފައިވަނިކޮށެވެ.