ޚަބަރު

ބީއެމްއެލްގެ ނަމުގައި ދައުރުވަމުންދަނީ "ފޭކް" ނޫސްބަޔާނެއް


ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެބޭންކުގެ ކާޑުތަކުން މުޢާމަލާތްކުރެވޭ ފައިސާގެ ލިމިޓަށް އަނެއްކާ ވެސް ބަދަލުތަކެއް ގެނެސްފައިވާކަމަށްބުނެ ދައުރުވަމުންދަނީ ޞައްޙަ ނޫން، ނުވަތަ "ފޭކް" ނޫސް ބަޔާނެއްކަމަށް އެ ބޭންކުން ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ ނަމުގައި ސޯޝަލް މީޑިއާގައި، މި "ފޭކް" ނޫސްބަޔާން ދައުރު ކުރަމުންދެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބޭންކް އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުގެ މެނޭޖަރ މުޙައްމަދު ސަޢީދު ވިދާޅުވީ އެބޭންކުގެ ކާޑުތަކުން ރާއްޖެއިން ބޭރުގައި މުޢާމަލާތް ކުރެވޭ ޢަދަދާ ގުޅޭގޮތުން ރަސްމީކޮށް އެބޭންކުން މަޢުލޫމާތެއް ހާމަކޮށްފައި ނުވާނެކަމަށެވެ. އަދި ބޭންކުން ނިންމާ ނިންމުންތަކާ ގުޅޭ މަޢުލޫމާތު ބޭންކުގެ ކަސްޓަމަރުންނާ ހިއްސާކުރަމުން ގެންދާނެކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ބީއެމްއެލްއިން ވަނީ އެބޭންކުން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑެއްގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖެއިން ބޭރުގެ މުޢާމަލާތްކުރެވޭނެ ޢަދަދަކީ، 250 ޑޮލަރު ކަމުގައި ކަނޑައަޅާފައެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބެންކުން ވަނީ އެފަދަ މީހެއްގެ ކާޑެއްނަމަ މަހެއްގެ މައްޗަށް ކޮންމެ ކާޑަކުން 750 ޑޮލަރު ބޭނުންކުރެވޭނެ ގޮތް ހަމަޖައްސާފައެވެ.

މިޢަދަދުތައް ކަނޑައަޅާފައިވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުޢާމަލާތްތަކަށް އެކަނިކަމަށެވެ.