ޚަބަރު

ފައުޒާން ދިޔައީ އޭނާގެ ޤުރުބާނީން ޤައުމު ރޮއްވާލާފައި - ރައީސް


ފުވައްމުލަކުގައި މޫދަށް އެރިއުޅެނިކޮށް ނިޔާވި ފައުޒާން ވަކިވެގެންދިޔައީ އޭނާގެ ޤުރުބާނީން ޤައުމު ރޮއްވާލާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި ގެނބެމުންދިޔަ ދެކުދިން ސަލާމަތްކުރުމުގެ ތެރޭގައި ފައުޒާން ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފައުޒާން ވަކިވީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކުވައިދީފައިކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވިޓެއްގައިވަނީ ފައުޒާންގެ ފުރާނައަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ހެޔޮ ދުޢާކުރައްވާފައެވެ.

ފައުޒާން ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުވެސްވަނީ ފައުޒާންގެ ހިތްވަރު ފާހަގަކުރައްވާފައެވެ. ނައިބު ރައީސް ވިދާޅުވީ ފައުޒާން އެންމެ ފަހު ވަގުތުވެސް ދައްކުވައިދިނީ ތިމާއަށް ވުރެ އަނެކާގެ ކަންކަން އިސްކޮށް އަނެކުން ސަލާމަތްކުރުމުގެ މުހިއްމުކަމާއި އެކަމުގެ ވަރުގަދަ ހިތްވަރެއް ކަމަށްވެސް ނައިބު ރައީސްވަނީ ވިދާޅުވެފައެވެ.

ފައުޒާން އެންމެ ފަހު ވަގުތުވެސް ދެއްކި ހިތްވަރު އެޑިއުކޭޝަން މިނިސްޓަރާއި ސްކައުޓު އެސޯސިއޭޝަނުންވެސްވަނީ ފާހަގަކޮށްފައެވެ.

ފައުޒާން ނިޔާވުމާއި ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "މުޅި ފުއައްމުލައް ފަޚުރުވެރިވާ ދަރިއެއް ކަމުގައިވި ފައުޒާން ދުނިޔެދޫކޮށް އެދިޔައީ މުޅިއިންސާނިއްޔަތަށް ހިތްވަރާއި އޯގާތެރިކަމާއި ކުލުނުގެ ފުރިހަމަ ނަމޫނާއެއް ދައްކައިދީފައި" ކަމަށެވެ.

ފުވައްމުލަކު ސްކޫލްގެ ސްކައުޓް ގްރޫޕުގައި ޕެޓްރޯލް ލީޑަރެއްގެ މަޤާމު އަދާކުރަމުންދިޔަ ފައުޒާން ނިޔާވީ ފުވައްމުލަކުގައި މޫދަށް އެރިގެން އުޅެނިކޮށް ގެނބެމުންދިޔަ 2 އަންހެން ކުދިން ސަލާމަތްކުރުމުގެ ތެރޭގައެވެ. ފައުޒާން ނިޔާވީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުމާ ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ކުއްލި ފަރުވާ ދެމުންދަނިކޮށެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 16:47 ހާއިރުކަމަށާއި އޭނާ ފެނިފައިވަނީ ހޯދަމުންދަނިކޮށް 17:50 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.

ފައުޒާން ނިޔާވުމާ ގުޅިގެން ސަރުކާރުގެ އިސްވެރިންނާއި އާއްމުން އަންނަނީ ހިތާމައިގެ ޝުއޫރު ފާޅުކޮށް އޭނާގެ ހިތްވަރާއި ޤުރުބާނީ ފާހަގަކުރަމުންނެވެ.