ޚަބަރު

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މަބްރޫކް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމު އުފައްދަވައި އެ މަޤާމަށް މ. އަތައްސާގިރި މުޙައްމަދު މަބްރޫކް ޢަޒީޒު އައްޔަންކުރައްވައިފިއެވެ. މަބްރޫކް ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމުގައެވެ. އޭނާ މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ވަޒީރުންގެ ނައިބުންގެ ފެންވަރުގައެވެ.

މަބްރޫކް މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ 2021 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިބަދަލާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ޚަބަރާއި މަޢުލޫމާތު ހޯދުމަށް ގުޅަންޖެހޭ ފަރާތަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ ދައުރު ކުރިން ފުރުއްވަމުން ގެންދެވި އިބްރާހީމް ހޫދުގެ ބަދަލުގައި މުޙައްމަދު މަބްރޫކް ޢަޒީޒްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ޢާއްމުންގެ ތެރޭގައި މަބްރޫކް މަޤުބޫލުވެގެން ދިޔައީ ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުން އުފެއްދެވި ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް އޭނާ ހަމަޖެއްސެވުމާއެކުއެވެ. އެންއީއޯސީން މަސައްކަތް ކުރި މުއްދަތުގައި މަބްރޫކް ވަނީ ދިވެހި ރައްޔިތުންގެ ހިތުން ޚާއްސަ މަޤާމެއް ހޯއްދަވާފައެވެ. އޭރު އެންއީއޯސީއިން ކޮންމެ ރެޔަކު ބާއްވަމުންދިޔަ ނޫސްވެރިންގެ ބައްދަލުވުމަށް އެތައް ބަޔަކު ވަގުތު ހުސްކޮށް އިންތިޒާރުކުރަމުންއައީ މަބްރޫކްގެ ސަބަބުންނެވެ.

ސަރުކާރުން އެންއީއޯސީ އުވާލައި އެޗްއީއޯސީއަށް ބަދަލުކުރި ދުވަހު ކުރީގެ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ އުންމީދާއެކު ކޯވިޑްގެ ޙާލަތާ ކުރިމަތިލައި ކާމިޔާބީގެ އައްސޭރިއަށް ދެވުމުގައި މަބްރޫކް އަދާކުރެއްވި ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެޗްއީއޯސީއާއެކު ނޫސްވެރިންގެ ބައްދަލުވުންތަކުން މަބްރޫކް ފެނިގެންނުދާތީ އެބައްދަލުވުންތައް ފަޅުކަން ފާހަގަ ކުރައްވާ ޝުޢޫރުފާޅުކުރި މީހުންގެ ޢަދަދުވެސް ވަރަށް ގިނައެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި 160 ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން 111 ބައްދަލުވުމުގައި މަބްރޫކް ބައިވެރިވެވަޑައިގެން އެނޫސްވެރިންގެ ބައްދަލުވުންތައް މޮޑަރޭޓްކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައިވެއެވެ. މި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޖުމުލަ 1200އަށްވުރެ ގިނަ ސުވާލަށް ޖަބާވުދީފައިވެއެވެ. އަދި ނޫސްވެރިންގެ ބައްދަލުވުންތައް ނިމުމުން ވަކިން ޖުމުލަ 681 ސުވާލަށް ޖަވާބުދީފައިވެއެވެ.

ކޯވިޑް-19ގެ ނުރައްކާ ކުރިމަތިވެގެން އައިދުވަސްވަރު، ނޫސްވެރިން ކުރި އެތައް ސުވާލަކަށް އެއްވެސް ފޫހިކަމެއް ނުތަނަވަސްކަމެއް ނެތި ކެތްތެރިކަމާއެކު ޖަވާބުދެއްވީ މަބްރޫކެވެ. ކިތަންމެ އުނދަގޫ ސުވާލެއް ކުރިމަތިކުރިޔަސް، އަދި ކިތަންމެ ރުޅިވެރިކަމާއެކު ސުވާލުކުރިއަސް މަބްރޫކުގެ ކިބައިން ފެނިގެންދިޔައީ އެއް ރޫޙެކެވެ. މިއީ ޢާއްމުކޮށް ރާއްޖޭގެ އެއްވެސް ދާއިރާއެއްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަން ކަނޑައަޅާފައިވާ ބޭފުޅެއްގެ ކިބައިން ޢާއްމުކޮށް ފެންނަ ސިފައެއް ނޫނެވެ. ނަތީޖާއަށް ވެގެން ދިޔައީ ނޫސްވެރިންނާއި ޢާއްމުންގެ މެދުގައިވެސް މަބްރޫކުގެ މަޤުބޫލުކަން ބޮޑުވެގެން ދިއުމެވެ.

ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމަށް މަބްރޫކް އައްޔަންކުރައްވައިފިނަމަ އެއީ ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައެއްކަމުގައި މީގެކުރިން ނޫސްވެރިންގެ މެދުގައިވެސް ވާހަކަދެކެވެއެވެ. އެހެންކަމުން ރައީސް އޮފީހުގެ ތަރުޖަމާނުގެ މަޤާމަށް މަބްރޫކް ޢައްޔަންކުރެއްވުމަކީ ނޫސްވެރިންނާއި ޢާއްމުންނަށްވެސް ލިބިގެންދާނެ އުފަލަކަށް ވާނެއެވެ.

މިހާތަނަށް މިމަޤާމުގައި ހުންނެވީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް، އިބްރާހީމް ހޫދުއެވެ.