ޚަބަރު

149 ކިލޯގެ ޑްރަގްގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި


2019 ވަނަ އަހަރު ގދ.ފަޅުރަށެއްކަމަށްވާ ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފުލުހުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ 2019 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި ފުލުހުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ގދ. ގައްދޫ ކޯޓުގައި ދައުވާ އުފުލާފައިވާ އެމައްސަލައިގައި ހައްޔަރުކުރި 5 މީހެއްގެ މައްޗަށެވެ.

މީގެތެރެއިން 4 މީހެއްގެ މައްޗަށް އުފުލާފައިވަނީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. އަނެއް މިހާގެ މައްޗަށް އުފުލާފައިވަނީ އެކަމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ. މި މައްސަލާގައު ދައުވާ އުފުލާފައިވަނީ ގދ.ގައްދޫ އެދުރުގެ އުމުރުން 25 އަހަރުގެ ޔާމިހް ހާލިދާއި ހަމަ އެގޭ އުމުރުން 42 އަހަރުގެ އަހްމަދު ހަލީމާއި ގއ.ކޮނޑޭ ރޮމޭންސް އުމުރުން 35 އަހަރުގެ ޝަފީޒު މުހައްމަދާއި ގއ.ނިލަންދޫ އުމުރުން 35 އަހަރުގެ އަލީ ޝާކިރާއި ގއ.ކޮނޑޭ ގަހާކޯޅި އުމުރުން 34 އަހަރުގެ އަހްމަދު އަނިލްއެވެ.

މިމައްސަލައިގައި ދައުވާކުރުމަށް ގައްދޫ ކޯޓަށް ހުށަހެޅީ 2019 އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. މިމައްސަލަ ކޯޓުން ބޭރުކޮށްލީ ޢިޖުރާޢީ މައްސަލަތަކެއް ހުރެގެންކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. ކޯޓުން މައްސަލަ ބޭރުކޮށްލާފައިވާއިރު، އެމައްސަލަ އިސްތިއުނާފްކުރުމާމެދު ޕީޖީ އޮފީހުން ވަކި ގޮތެއް އަދި ނުނިންމަވައެވެ.

ފަޅު ރަށުގައި ވަޅުލާފައި ހުއްޓާފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނި ހެރޮއިން އާއި ކެނެބިސްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.