ޚަބަރު

ޒުވާނުންގެ ކަންބޮޑުވުންތަކާއި ޙަލާތު ދެނެގަތުމަށް ޚާއްސަ ސަރވޭއެއް ފަށަނީ


ޒުވާނުންގެ ކަންބޮޑުވުންތަކާއި ޙަލާތު ދެނެގަތުމަށް ޚާއްސަ ސަރވޭއެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީން ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމަށް މިއަހަރުވެސް މުހިއްމު ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ހަރަކާތްތައް ތަރުތީބުވެގެންދާނީ މި ސަރވޭއިން ލިބޭ ޚިޔާލާ މަޝްވަރާގެ މަތިންކަމަށެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މިއަހަރަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ނާޞިޙް ރަޝީދު ވިދާޅުވީ، 2021 ވަނަ އަހަރަކީ ޤައުމުގެ ކަންކަން ނިންމުމުގައި ޒުވާނުންނަށް ބަސްބުނެވޭ ހިސާބުގައި ސަރުކާރާ ގުޅިގެން މަސައްކަތްކުރެވޭނެ މަގުފަހިވެގެންދާނެ އަހަރަކަށް ހެދުމަކީ އެ މިނިސްޓްރީގެ މުހިއްމު އަމާޒެއްކަމަށެވެ. އެގޮތުން މިއަހަރުގެ މަސައްކަތްތައް އެ މިނިސްޓްރީން ފަށާނީވެސް ޒުވާނުންގެ ޙާލަތު ދެނެގަތުމަށް ކުރިއަށްގެންދާ ޚާއްސަ ސަރވޭއަކުންކަން އޭނާ ފާހަގަކުރެއްވިއެވެ.

އަންނަ ފެބްރުއަރީމަހުން ފެށިގެން 2 މަހުގެ މުއްދަތަކަށް މުޅި ރާއްޖެއަށް ހުޅުވާލާއިގެން ކުރިއަށްގެންދާ މި ސަރވޭގައި ޒުވާނުންގެ ކަންބޮޑުވުން ހުރި ކަންކަމާއި، ޒުވާނުން އެންމެ ބޭނުންވާ ކަންކަން ދެނެގަތުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ނާޞިޙް ވިދާޅުވިއެވެ. އަދި ޒުވާނުންނަށް އަމާޒުކޮށްގެން މިއަހަރަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ރޭވިގެންދާނީ މި ސަރވޭގެ ނަތީޖާތަކަށް ބިނާކުރުމަށްފަހުކަމަށްވެސް ނާޞިޙް ވިދާޅުވިއެވެ.

"ޒުވާނުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު ނެތުން. އަދި އިޤްތިޞާދީގޮތުން އެމީހުންގެ ފަންނުވެރިކަން ނުފެނި ދިއުން. މިހެންހުރި ޒުވާނުންގެ ކަންބޮޑުވުންތައް ދެނެގަތުން މި ސަރވޭގެ ބޭނުމަކީ. ރާއްޖޭގެ އުތުރާއި ދެކުނުވެސް ތަފާތު. މެދު ރާއްޖެތެރެވެސް ތަފާތު. އެހެންވީމަ އެކި ސަރަހައްދުތަކުގެ އެކި ރަށްރަށުގެ ޒުވާނުންގެ ވިސްނުން އެ ރަށެއްގެ ލެވެލްގައި ގެންގުޅެނީ ކިހިނެއްތޯ، ސިޓީތަކުގައި ގެންގުޅެނީ ކިހިނެއްތޯ، ޒުވާނުން އެންމެ ބޮޑަށް ބޭނުންވަނީ ކޮންކަންކަމެއްތޯ އެ ރަށެއްގައި ކުރަން. އޭގެ ދިރާސާއެއް އަޅުގަނޑުމެން މިކުރަނީ" ޑެޕިއުޓީ މިނިސްޓަރ ނާޞިޙް ވިދާޅުވިއެވެ.

ނާޞިޙް ރަޝީދު ވިދާޅުވީ، ކްލަބް ޖަމިއްޔާތަކުގެ އެހީގައި ޒުވާނުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް ޔޫތު މިނިސްޓްރީން ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށެވެ. އަދި ޒުވާނުންނަށް ޚާއްސަކޮށްގެން ލައިފް ސްކިލްސް ޕްރޮގްރާމްތަކާއި، އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ޔޫތު ޗެލެންޖް ޕްރޮގްރާމްތައް މިއަހަރުވެސް ކުރިއަށްދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޒުވާނުންގެ އަޑު ސަރުކާރާއި ހަމައަށް ގެނެސްދިނުމަށް މިއަހަރު ޔޫތު ޕާލަމަންޓެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޒުވާނުންނަށް ޚާއްސަކޮށްގެން ޤައުމީ ފެންވަރުގައި ޚާއްސަ ކޮންފަރެންސެއްވެސް މިއަހަރު ބޭއްވުމަށް މިނިސްޓްރީން ތައްޔާރުވަމުންދާކަމަށް ނާޞިޙް ވިދާޅުވިއެވެ.