ދުނިޔެ

ކޮންގްރެސް އިމާރާތައް ވަދެ ޕެލޯސީގެ ޕޯޑިއަމް ނެގި މީހާއަށް ދައުވާކޮށްފި


އެމެރިކާގެ ކޮންގްރެސް އިމާރާތައް ބަޔަކު ވަދެ ގިނަ ގެއްލުންތަކެއްދީ ހަމަނުޖެހުން ހިންގި މައްސަލާގައި ތިން މީހަކާއި ދެކޮޅަށް ދަޢުވާކޮށްފައިވާކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އިޢުލާނުކޮށްފިއެވެ. އޭގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ރައީސާ، ނެންސީ ޕެލޯސީގެ ޕޯޑިއަމް ވަގަށް ނެގި މީހާއާއި، ގިނަ ފޮޓޯތަތަކުން ފެންނަ ސާރުދޯޅު ހަމުން ހަދާފައިވާ ބޮލުގައި އަޅައި އެއްޗެއް އަޅައިގެން ހުންނަ މީހާ ހިމެނެއެވެ.

އުމުރުން 36 އަހަރުގެ އެޑަމް ޖޮންސަން ހައްޔަރުކޮށްފައިވަނީ ފުލޮރިޑާ އިންނެވެ. އޭނާއަކީ ނެންސީ ޕެލޯސީގެ ޕޯޑިއަމް ހިފައިގެން ހުންނަތަން ވީޑިއޯތަކުން ފެންނަ މީހާއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 8ވަނަ ދުވަހުގައެވެ. މީނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޙުއްދަ ހޯދައިގެން ވަންނަށް ޖެހޭ އިމާރާތަކަށް ހުއްދަ ނުހޯދާ ގަސްތުގައި ވަދެ އެތަނުގައި މަޑުކުރުމުގެ ކުށާއި ސަރުކާރުގެ މުދަލެއް ވަގަށް ނެގުމުގެ ކުށް ހިމެނެއެވެ. މީގެއިތުރުން ކޮންގްރެސް އިމާރާތުގައި ހަމަނުޖެހުން އުފެއްދުންވެސް ހިމެނެއެވެ.

ޖޭކޮބް އެންތޮނީ ޗަންސްލޭއަކީ ހާދިޘާގެ ފޮޓޯތަކުގައި ސާރުދޯޅު ހަމުން ހަދާފައިވާ ބޮލުގައި އަޅައި އެއްޗެއް އަޅައި، މޫނުގައި ކުލަ ޖައްސާފައި ހުރި މީހާއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެއެވެ. އޭނާއާއި ދެކޮޅަށް އުފުލާފައިވާ ދަޢުވާތަކަކީ ޙުއްދަ ހޯދައިގެން ވަންނަށް ޖެހޭ އިމާރާތަކަށް ހުއްދަ ނުހޯދާ ގަސްތުގައި ވަދެ އެތަނުގައި މަޑުކުރުމުގެ ކުށާއި ކެޕިޓޮލްގެ ސަރަޙައްދަށް ގަދަކަމުން ވަދެ އެތަނުގައި ހަމަނުޖެހުން އުފެއްދުމުގެ ކުށުގެ ދައުވާއެވެ.

މި ދެމީހުންގެ އިތުރުން ދެން ދަޢުވާ އުފުލާފައިވަނީ ޑެރިކް އީވާންސް ކިޔާ މީހަކަށެވެ. އޭނާއަކީ ވެސްޓް ވާޖީނިއާ ސްޓޭޓުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ. އޭނާއާއި ދެކޮޅަސްވެސް އުފުލާފައިވަނީ އެއް ދައުވާތަކެކެވެ. ވެސްޓް ވާޖީނިއާއިން ހައްޔަރުކުރި އީވާންސް ކޯޓަށް ހާޒިރުވާނެކަމުގެ ޔަޤީންކަން ދިނުމުން ވަނީ ދޫކޮށްލައިފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޖޯ ބައިޑަންގެ ނަތީޖާ ރަސްމީކޮށް ބަލައިގަތުމަށް ބޭއްވި ޖަލްސާއާއި ދިމާކޮށް ޓްރަންޕުގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތައް ވަދެ ކެޕިޓޮލްގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް 17 މީހުންގެ މައްޗަށް ޖިނާޢީ ދަޢުވާތައްވަނީ އުފުލައިފައެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ފުލުހުންނަށް ޙަމަލާދީފައިވާ މީހުންނެވެ. އަދު ދައުވާ އުފުލި މީހުންގެ ތެރޭގައި މި ހަމަނުޖެހުން ހިނގި ވަގުތު އެ އިމާރާތުގެ ތެރޭގައި ތިބިކަން ފޮޓޯތަކުން ފެންނަ މީހުންވެސް ހިމެނެއެވެ.

ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ތަކުރާރުކޮށް ތުހުމަތުކުރައްވަމުން ގެންދަވާ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕުވަނީ ވޯޓުގެ މަރުހަލާއާއި މެދު އޮތް ހިތްހަމަނުޖެހުން ފައުޅުކުރުމަށް ކޮންގްރެސް އިމާރާތުގެ ކައިރިޔަށް އެއްވުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވައިލައްވައިފައެވެ. އެއާއިއެކު އިންތިޚާބުގެ ނަތީޖާ ރަސްމީކުރުމަށް ޤާނޫނު ހަދާ މަޖިލީހުގައި ބާއްވާ ބައްދަލުވުން ފެށެނިކޮށް ގިނަ ޢަދަދެއްގެ މީހުންވަނީ އެ އިމާރާތަށް ވަދެ ހަމަނުޖެހުންތައް ހިންގާފައެވެ. އެ ހާދިޘާގައި ގިނަ ޢަދަދެއްގެ މީހުން ޒަޚަމްވެ، ފުލުހަކު ހިމެނޭގޮތަށް ފަސް މީހުންވަނީ މަރުވެފައެވެ.