ޚަބަރު

ތެޔޮ ހުރިތޯ ދިރާސާކުރުމަށް ބޯހޯލް ތޮރުފާ ބޯޓެއް އަތުވެއްޖެ


ރާއްޖޭގެ ކަނޑުގެ
ސަރަހައްދުގައި ތެޔޮ ހުރިކަން ޔަގީންކުރުމަށްޓަކައި ބޯހޯލް ތޮރުފައިގެން
ކުރިއަށްގެންދާ އިތުރު ދިރާސާތައް ކުރުމަށްއެމެރިކާގެ ބޯޓެއް ރާއްޖެ އަތުވެއްޖެއެވެ.
މިދިރާސާތައް ކުރުމަށްޓަކައި ރާއްޖެއައީ އެމެރިކާގެ "ޖޮއިޑްސް
ރިޒޮލިއުޝަން- ލިމަސަލް" ނަމަކަށްކިޔާ ބޯޓެކެވެ.



ކަނޑު އަޑީގައި ތެޔޮ ހުރިކަން ޔަގީންކުރުމަށްޓަކައި ދިރާސާކުރުމަށް
ރާއްޖެއައި މިބޯޓުގައި ތަފާތު ދާއިރާތަކުން 18 ޕްރޮފެސަރުން ހިމެނެއެވެ.
އެފަރާތުން ކުރިއަށް ގެންދާ ދިރާސާތައް ކުރިއަށް ގެންދާނީ ކަނޑުގެ އެއް ކިލޯމީޓަރު
އަޑިން ސާމްޕަލް ނަގައިގެނެވެ.



އޮގަސްޓު މަހުގެ ފަހުކޮޅު ރާއްޖެ އައި ޖަރުމަނުގެ "ސޮންނޭ"
ނަމަކަށް ކިޔާ ބޯޓުން ވަނީ ތެލާއި ގޭސް ހުރި ކަމަށް އެންމެ ބޮޑަށް ބެލެވޭ ރާއްޖޭގެ
ތިން ސަރަހައްދުގެ ތެރެއިން ދެ ތަނެއްގެ ސައިޒްމިކް ސާވޭއެއް ހަދައިފައެވެ. އެ
ދިރާސާ އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކޯލްޑް ވޯޓާ ކޮރަލްސް ނުވަތަ
ފިނީގައި އުފެދޭ މުރަކަ ހުރިކަން ވަނީ ހޯދިފައެވެ. ފިނީގައި އުފެދޭ މުުރަކައިގެ
ތަހްލީލްތައް ކުރިއިރު، ބައެއް ސަރަހައްދުތަކުގައި 80،000 އަހަރުކުރިން
މަރުވެފައިވާ މުރަކަ އާއި ދިރުން ހުރި މުރަކަ ވެސް ހުރިކަން ފާހަގަކޮށްފައިވެއެވެ. އަދި ކަނޑު އަޑިން ލިކުއިޑް ނުވަތަ ދިޔާ އެއްޗެއް މައްޗަށް އަރާކަން ވަނީ
ފާހަކޮށްފައެވެ.



މިދިރާސާގެ އަލީގައި ރާއްޖޭގައި ތެޔޮ ހުރި ކަމުގެ ވަރަށް ބޮޑު ނިޝާންތަކެއް
ހުރިކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އެމެރިކާގެ މި ބޯޓުގެ ފަންނީ ބޭފުޅުން
ކުރިއަށްގެންދާ ދިރާސާތަކުގައި އެ ލިކުއިޑަކީ ކޮން އެއްޗެއްތޯ ބެލުމަށްވަނީ
ހަމަޖެހިފައެވެ. އެފަރާތުން ދިރާސާ ކުރިއަށް ގެންދާނީ ބ. އަތޮޅުގެ އިރުމަތީގެ
އެތެރެވަރީގެ ހިސާބުގައެވެ. މިއީ، ޖަރުމަންވިލާތުގެ ސޮންނޭ ބޯޓުން ހެދި 3ޑީ ސެސިމިކް ސާވޭ އިން ތެޔޮ ނޫނީ ގޭސް ހުރި ކަމުގެ
ސިފަތައް އެންމެ ބޮޑަށް ފެނިފައިވާ އެއް ސަރަހައްދެވެ.



މި ދިރާސާތަކަށް
އެސަރަހައްދުން 3 ތަނަކުން ނުވަތަ ކޮންމެހެން ބޭނުންވެއްޖެނަމަ 5 ނުވަތ 6 ތަނަކުން
ބޯހޯލް ތޮރުފާނެއެވެ.



ފިޝަރީޒް މިނިސްޓަރ ޑރ.
މުހައްމަދު ޝައިނީ ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި
ކުރި އެކި ދިރާސާތަކުގައި ތެޔޮ ނޫނީ ގޭސް ހުރި ކަމަށް ދައްކާފައި ހުރި
ސަރަހައްދުތަކުގައި އެމެރިކާގެ މިބޯޓުން، ބޯހޯލް ތޮރުފައިގެން ސާންޕަަލްތަކެއް
ނަގައި އެތަކެތި ދިރާސާ ކުރުނެކަމަށެވެ. އަދި މި ދިރާސާތައް
ބޭނުންކޮށްގެން ދުނިޔޭގެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި އިތުރު
ދިރާސާތަކެއް ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ.  އެއަށްފަހު ދިރާސާތަކުން އެއްކުރެވުނު ހުރިހާ
މަޢުލޫމާތެއް ދުނިޔޭގެ ތެޔޮ ކުންފުނިތަކަށް ވިއްކޭނެކަމަށާއި، ފުރަތަމަ ތެޔޮ
ފެންނަ ތަނަކުންވެސް ތެޔޮ ނެގުމުގެ މަސައްކަތް ފަށާނެކަމަށް ވިދާޅުވިއެވެ.



މި ދިރާސާތައް
ކުރިއަށްގެންދާ އެންމެ އިސް ފަރާތްކަމަށްވާ ޕްރޮފެސަރ ކްރިސްޓިއަން ބެޓްޒްކަރ
ވިދާޅުވީ، މޫސުމާއި ކަނޑުގެ އޮއިވަރާއި ބެހޭ ދިރާސާތާކެއް ކުރިއަށް
ގެންދާނެކަމަށާއި، ކުރިން ކޮށްފައިވާ ދިރާސާތަކުގެ ސާމްޕަލްތަކެއް ނަގާ
ތަހުލީލްކުރާނެކަމަށެވެ.



މިބޯޓު ރާއްޖޭގައި ގާތްގަނޑަކަށް 40 ދުވަސް ހޭދަ ކުރާނެއެވެ.