ކުޅިވަރު

ވެސްޓް ބްރޮމްގެ މައްޗަށް ބްލެކްޕޫލް ކުރިހޯދައިފި


އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އިންގްލިޝް ޕްރިމިއަރ ލީގަށް ނިސްބަތްވާ ވެސްޓް ބްރޮމްވިޗްއާއި ބްލެކްޕޫލް ބައްދަލުކުރިމެޗް ބްލެކްޕޫލް ކާމިޔާބު ކޮށްފިއެވެ. ބްލެކްޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 90 މިނެޓާއި އިތުރު ވަގުތު ހަމަވިއިރު 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 3 ލަނޑު 2 ލަނޑުން ކުރި ހޯދައިގެންނެވެ.

މިމެޗްގައި ބްލެކްޕޫލްގެ ތަރިއަކަށްވީ އެޓީމްގެ ވޭލްސް ގޯލް ކީޕަރ ކްރިސް މެކްސްވެލްއެވެ. އޭނާވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި ތިން ޕެނަލްޓީ މަތަކޮށްފައެވެ. މިއީ ކޯވިޑް19 އަށް ޕޮޒިޓިވް ވުމާގުޅިގެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް އޭނާ ކުޅުނު ފުރުތަމަ މެޗެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ 40 ވަނަ މިނެޓްގައި ބްލެކްޕޫލްގެ ޖޭރީ ޔައިޓްސްއެވެ. ނަމަވެސް ދެވަނަ ހާފް ފަށައިގެން މާގިނަ އިރު ތަކެއް ނުވެ މެޗްގެ 52 ވަނަ މިނެޓްގައި ވެސްޓްބްރޮމްގެ ސެމީ އަޔާޖީވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިމެޗްގައި ބްލެކްޕޫލުން ދެވަނަ ފަހަރަށް ކުރި ހޯދީ 66 މިނެޓްގައި ގެރީ މެޑީން ޖަހާދިން ލަނޑަކުންނެވެ. މިމެޗްގައި ވެސްޓްބްރޮމްގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޕެރެއިރާއެވެ.

މިކާމިޔާބީއާއެކު ބްލެކްޕޫލް މިމުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަލިބިފައިވާއިރު ވެސްޓް ބްރޮމްވިޗްގެ ކޯޗް ކަމާ ސޭމް އެލަޑައިސް ހަވާލުވިފަހުން މިހާތަނަށް އެޓީމް ކުޅުނު ފަސް މެޗްގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.