ކުޅިވަރު

އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގެ ޖާގަ ޗެމްޕިއަން އާސެނަލްއަށް


އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން އެންމެފަހުގެ ޗެމްޕިއަން އާސެނަލް ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ހަތަރުވަނަ ބުރުން އާސެނަލް ޖާގަހޯދީ ތިންވަނަ ބުރުގައި ނިއުކާސްލް ޔުނައިޓެޑާއި ވާދަކޮށް 2-0 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗްގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިފައިވެއެވެ. ހާއްސަކޮށް ދެވަނަ ހާފްގައި ނިއުކާސްލްގެ އެންޑީ ކެރޯލްއަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވެއެވެ. މެޗްގެ ފުރަތަމަ ލަނޑު މެޗްގެ އިތުރު ވަގުތުގެ 109 ވަނަ މިނެޓްގައި ޖަހައިދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން ޒުވާން ކުޅުންތެރިޔާ އެމީލް ސްމިތު ރޯއެވެ. މިލަނޑު ޖެހުމުގެ ކުރިން ނިއުކާލްސްގެ ޝޯން ލޯންސްޓާފްއަށް ކުރި ފައުލަކާއި ގުޅިގެން ސްމިތު ރޯއަށް ސީދާ ރަތްކާޑެއްވެސް ދެއްކިއެވެ. ނަމަވެސް ފަހުން ވީއޭއާރު ގެ އެހީތެރިކަމާއެކު ރެފްރީވަނީ އޭނާގެ ނިންމުން ބަދަލުކޮށްފައެވެ. މެޗްގައި އާސެނަލްގެ ދެވަނަ ލަނޑު މެޗްގެ 117 ވަނަ މިނެޓްގައި ޖަހައިދިނީ ޕިއަރ އެމެރިކް އައުބެމެޔާންއެވެ.

އިނގިރޭސި އެފްއޭ ކަޕް ރިކޯޑް އަދަދެއް ކަމަށްވާ 14 ފަހަރު ކާމިޔާބުކޮށްފައިވާ އާސެނަލް ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި މިމުބާރާތުގެ ހަތަރު ވަނަ ބުރަށް ނުގޮސް ކަޓައިފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ 2017-2018 ވަނަ އަހަރުގެ މުބާރާތުގައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް މިކެލް އާޓެޓާވަނީ ސްމިތު ރޯ މިމެޗްގައި ދެއްކި ކުޅުމަށް ތައުރީފް ކޮށް، މިމުބާރާތް މި ފަހަރުވެސް ކާމިޔާބުކުރުމަށް އާސެނަލް ގަދައަޅާ މަސައްކަތް ކުރާނެކަން ހާމަކޮށްފައެވެ.

ނިއުކާލްސްގެ ކޯޗް ސްޓީވް ބްރޫސް ހާމަކުރިގޮތުގައި ކަޕް މުބާރާތްތަކުގެ މެޗް ތަކުގައި ލިބޭ ފުރުސަތު ތަކުގެ ބޭނުން ނުހިފޭނަމަ މުބާރާތުން ބޭރުވެގެންދާނެކަމަށާއި ރޭ ދިމާވީ އެކަހަލަ ގޮތެއް ކަމަށެވެ. އަދި މެޗުން މޮޅުވާނެ ފުރުސަތު އޭނާގެ ޓީމަށް ލިބުނު ކަމަށްވެސް އޭނާ ހާމަކުރިއެވެ.