ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލު ކޯވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލު ކޯވިޑް 19އަށް ޕޮޒިޓިވްވިކަން އެމްއެންޑީއެފްއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގިވަޑައިގަތީ ބަލީގެ ޢަލާމާތްތަކެއް ހުރުމާއި ގުޅިގެން ޓެސްޓުކުރުމުން އިއްޔެގެ ވަގުތެއްގައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. ޕޮޒިޓިވްވުމާއި ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މިވަގުތު ހުންނެވީ އަމިއްލަފުޅު ގޭގައި އެކަހެރިވެވަޑައިގެންކަމަށްވެސް އެމްއެންޑީއެފްއިން މަޢުލޫމާތުދެއެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް ޕޮޒިޓިވްވުމާއެކު އެޗްޕީއޭއިން ބަލާ މުއްދަތުގެތެރޭގައި ބައްދަލުވި ހުރިހާ ފަރާތްތައް މިހާރު ކަރަންޓީންކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް އެއްވެސް ޢާއްމު އެއްވުމަކަށް ވަޑައިގެންފައެއް ނުވެއެވެ. އަދި ރާއްޖެއިން ބޭރަށްވެސް ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވަޑައިގެންފައިނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ސާދަހާހަށްވުރެ މައްޗަށްވަނީ އަރާފައެވެ. އަދި މިބަލިން ރަނގަޅުވީ މީހުންގެ ޢަދަދު ތޭރަހާހަށްވުރެ މައްޗަށް ވަނީ އަރާފައެވެ.