ޚަބަރު

އެމެރިކާއަކީ އުތުރު ކޮރެއާގެ އެންމެ ބޮޑު ދުޝްމަން: ކިމް ޖޮންގ އުން


އެމެރިކާއަކީ އުތުރު ކޮރެއާގެ އެންމެ ބޮޑު ދުޝްމަންކަމަށް އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގ އުން ވިދާޅުވެއްޖެއެވެ.

އުތުރު ކޮރެއާގެ ދަޢުލަތުގެ ނޫސް އިދާރާއިން ބުނީ އުތުރު ކޮރެއާގެ ޚާރިޖީ ސިޔާސީ ޙަރަކާތްތައް އަމާޒުކުރަންވީ އެމެރިކާގެ ބާރު ދެރަކުރުމަށްކަމަށް ޤައުމުގެ ޒައީމް ވިދާޅުވެފައިވާ ކަމަށެވެ. އެމެރިކާއަކީ އުތުރު ކޮރެއާގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަސްކަމަށާއި، އެ ޤައުމުގެ އެންމެ ބޮޑު ދުޝްމަނަކީ އެމެރިކާކަމަށް އޭނާ ވިދާޅުވިއެވެ. ކިމް ޖޮންގ އުން ވިދާޅުވީ އެމެރިކާގެ ވެރިކަމުގައި ހުންނަވާ ބޭފުޅަކީ އުތުރު ކޮރެއާއަށް މުހިންމު ކަމެއް ނޫންކަމަށާއި، އެމެރިކާއިން އުތުރު ކޮރެއާއާއިމެދު ދެކޭ ގޮތާއި އެ ޤައުމާއި މެދު ގެންގުޅޭ ސިޔާސަތުތައް ދުވަހަކުވެސް ބަދަލުނުވާނެކަމަށެވެ.

އެމެރިކާއަކީ އުތުރު ކޮރެއާގެ އެންމެ ބޮޑު ދުޝްމަންކަމަށް އިޢުލާނުކޮށްފައި މިވަނީ އެމެރިކާގެ ވެރިކަމާއި އިންތިޚާބީ ރައީސް ޖޯ ބައިޑަން ޙަވާލުވެވަޑައިގަތުމަށް ދެ ހަފުތާއަށް ވެފައިވަނިކޮށެވެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕާއި ކިމް ޖޮންގ އުން އާއި ދެމެދު އޮންނަ ގުޅުމަކީވެސް ނުތަނަވަސް ގުޅުމެކެވެ.

އުތުރު ކޮރެއާގެ ޒަޢީމްގެ ވާހަކަފުޅާއިގުޅޭގޮތުން އެމެރިކާގެ ޚާރިޖީ އިދާރާއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ބައިޑަންގެ ކެންޕެއިނު ތަމްޞީލުކުރައްވާ ތަރުޖަމާނުވަނީ ކިމް ޖޮންގ އުންގެ ވާހަކަފުޅާއި ގުޅޭގޮތުން އެއްޗެއް ވިދާޅުވުމަށް ދެކޮޅުހައްދަވާފައެވެ.

ރައީސް ޓްރަންޕާއި ކިމް ޖޮންގ އުން އެންމެ ފުރަތަމަވަނީ ބަހުގެ ގިނަ ޙަމަލާތަކެއް ބަދަލުކުރައްވާ، ދެ ބޭފުޅުންގެ މެދުގައި ގިނަ އިންޒާރުތަކެއް ބަދަލުކުރައްވާފައެވެ. ނަމަވެސް ފަހުންވަނީ ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުމަކީ ވަރަށް ގާތް ގުޅުމެއްކަމަށް ސިފަވާފަދަ ގޮތަކަށް ޢަމަލުކުރައްވާފައެވެ. ނަމަވެސް ދެ ވެރިންގެ މެދުގައި ތިން ބައްދަލުވުމެއް ބޭއްވުމަށްފަހު އުތުރު ކޮރެއާއާއި ދެކޮޅަށް އަޅާފައިވާ ދަތުކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއިގުޅޭގޮތުން ބޭއްވި ބައްދަލުވުމެއްގައި ދެބަސްވުންތަކެއް ހިނގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އަނެއްކާވެސްވަނީ ގޯސްވެފައެވެ.