ޚަބަރު

ޔޫއޭއީން ޤަތަރަށް ސަރަޙައްދީ ރޮނގުތައް ހުޅުވާލަނީ


ޔޫއޭއީން އެ ޤައުމުގެ އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދީ ރޮނގުތައް ޖަނަވަރީ މަހުގެ 9ވަނަ ދުވަހުގައި ޤަތަރަށް ހުޅުވައިލުމަށް ނިންމައިފިއެވެ. ޔޫއޭއީން އެގޮތަށް ނިންމާފައިވަނީ ގަލްފުގެ މައްސަލާގައި ޤަތަރާއި ޢަރަބި ޤައުމުތަކާއިމެދު އުފެދިފައިވާ މައްސަލަތަކަށް ނިނުމެއް ގެނައުމަށް މުހިންމު ކުރިއެރުންތައް ލިބިފައިވާކަމަށް ސަޢުދީ ޢަރަބިއްޔާއިން އިޢުލާނުކޮށްފައިވަނިކޮށެވެ.

ނިރުބަވެރި ޖަމާޢަތްތަކަށް އެހީތެރިވެ އީރާނަށް އެއްބާރުލުންދޭކަމަށް ބުނެ ގަލްފުގެ ބާރުތައްކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަޙުރައިނުންވަނީ 2017ވަނަ އަހަރުގެ ޖޫން މަހު ޤަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެއާއިއެކު އެ ޤައުމުތަކުން ޤަތަރާއިއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގުތައްވެސް ބަންދުކުރިއެވެ. އެ ޤައުމުތަކާއި ބައިވެރިވެގެން މިޞްރުންވެސް ޤަތަރާ ގުޅުން ކަނޑާލިއެވެ. އެހެންނަމަވެސް އެ ޤައުމާއި ދެކޮޅަށް ކުރާ ތުހުމަތުތައް ޤަތަރުން ދޮގުކުރެއެވެ.

ސަޢުދީ ޢަރަބިއްޔާގެ އަލް އޫލާގައި ބޭއްވި ގަލްފް ކޯޕަރޭޝަން ކައުންސިލް، ޖީސީސީގެ ބައްދަލުވުމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރުވަނީ 2017ވަނަ އަހަރު ޢަރަބި ޤައުމުތަކުން ޤަތަރާއިއެކު ކަނޑާލިގުޅުން އަލުން ޤާއިމްކުރާނެކަމަށް ބުނެފައެވެ. އެއާއިއެކު ސަޢުދީ ޢަރަބިއްޔާއިންވަނީ އެ ޤައުމުގެ ސަރަޙައްދީ ރޮނގުތައް ޤަތަރަށް ހުޅުވައިލައިފައެވެ. ނަމަވެސް އޭރު ޔޫއޭއީއާއި މިޞްރާއި ބަހުރައިނުން އެފަދަ ނިންމުމެއް އިޢުލާނުކޮށްފައެއް ނުވެއެވެ.

ޔޫއޭއީގެ ރަސްމީ ފަރާތަކުން މިދިޔަ ބުރާސްފަތި ދުވަހު އިންޓަނެޓު މެދުވެރިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޤަތަރާއިއެކު ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުންތައް ޢަރަބި ޤައުމުތަކުން އަލުން ޤާއިމްކުރި ނަމަވެސް ޚާރިޖީ ގުޅުން ޤާއިމްކުރުމަށް އަދި އިތުރު ވަގުތު ނަގާނެކަމަށެވެ. އެއީ ދެ ފަރާތަށްވެސް ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް ވަގުތު ނަގާނެތީކަމަށް އޭނާ ވިދާޅުވިއެވެ