ޚަބަރު

އިންޑޮނޭޝިޔާގެ މަތިންދާ ބޯޓެއް ގެއްލިއްޖެ


62 ފަސިންޖަރުން ގޮވައިގެން ދަތުރުކުރަމުންދިޔަ އިންޑޮނޭޝިޔާގެ މަތިންދާ ބޯޓެއް ގެއްލިއްޖެއެވެ.

އެ ޤައުމުގެ ސްރިވިޖަޔާ އެޔާގެ މަތިންދާބޯޓް ގެއްލުނުކަން އެނގުނީ އެބޯޓް އުދުއްސާލިތާ ގާތްގަޑަކަށް ގަޑިއިރެއްހާއިރު ފަހުންކަމަށް އިންޑޮނޭޝިއާގެ ޓްރާންޕޮޓޭޝަން ސޭފްޓީ ކޮމެޓީން ބުނެއެވެ. ފަހުގެ މައުލޫމާތުތައް ބުނާ ގޮތުން އެ ބޯޓު ގެއްލުމުގެ ކުރިން އެ ބޯޓް ދަތުރުކުރަމުންދިޔަ މަގުން ދިހަހާސް ފޫޓް ތިރިއަށް ޖެހުނުކަމަށް ދައްކައެވެ. ބޯޓް ގެއްލިފައިވަނީ ޖަކާޓާގެ އިންޓަރނޭޝަނަލް އެއަރޕޯޓްގެ 11 ނޯޓިކަލް މޭލު ދުރުންނެވެ.

ޖަކާޓާގެ ސޮކާނޯ ހައްޓާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑޮނޭޝިޔާގެ ވެސްޓް ކަލިމަންޓަންގެ ޕޮންޓިއަނަކަށް ދިޔުމަށް ސްރީވިޖަޔާ އެއާގެ އެސްޖޭ182 މަތިންދާ ބޯޓު ނައްޓާލި ވަގުތު ދިޔައީ ބޯކޮށް ވާރޭވެހެމުންނެވެ. ބޮއެއިންގ 737-500 މަރުކާގެ އެ މަތިންދާ ބޯޓު ޖަކާޓާއިން ނައްޓާލުމުގެ އިރުކޮޅެއްގެ ތެރޭގައި ބޯޓާއިއެކު އޮތް މުވާސަލާތީ ގުޅުން ކެނޑި، ރާޑަރަށް މަތިންދާބޯޓުވަނީ ގެއްލިފައެވެ. އިންޑޮނޭޝިޔާގެ ދަތުރުފަތުރާއިބެހޭ ވަޒީރު ބޫޑީ ކަރްޔާ ވިދާޅުވީ 12 ފަޅުވެރިން ހިމެނޭގޮތަށް 62 މީހުން ބޯޓުގައި ދަތުރުކުރަމުންދިޔަކަމަށެވެ. އޭގެ ތެރޭގައި 46 ބޮޑެތި މީހުންނާއި، ދިހަ ކުޑަކުދިން ހިމެނެއެވެ.

މަތިންދާބޯޓަށް ވީގޮތް ދެނެގަތުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކުންވަނީ ބޯޓުގެ ބައިތަކެއްކަމަށް ޝައްކުކުރެވޭ ބައެއް ތަކެތި ޖަކާޓާގެ ބޭރުގައި އޮންނަ ކަނޑުގެ ސަރަޙައްދުން ފެނިފައިވާކަމަށް ބުނެފައެވެ. ކަނޑުގެ ސަރަޙައްދުން ފެނުނު ތަކެތީގެ ތެރޭގައި ކޭބަލްއާއި ދަގަނޑު ބައިތަކެއް ހިމެނެއެވެ. ނަމަވެސް އެއީ ގެއްލިފައިވާ ބޯޓުގެ ބައިތަކެއްކަން މިހާތަނަށް ޔަޤީންވެފައެއް ނުވެއެވެ.

މަތިންދާބޯޓު ހޯދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ ސަސަރުނަސް އިދާރާގެ އިސްވެރިރާ، ބާގުސް ޕުރުހިތޯ ވިދާޅުވީ ޖަކާޓާގެ އުތުރުގެ ސަރަޙައްދުގެ ކަނޑުގެ ސަރަޙައްދުތައް ހޯދުމަށް ވަފުދުތައް އެ ސަރަޙައްދަށް ފޮނުވާފައިވާކަމަށެވެ. ބޯޓުގެ ރޭޑިއޯ ބީކަން ސިގްނަލްގެ ހިލަމެއް މިހާތަނަށް ވެފައި ނުވާކަމަށް އެ އިދާރާއިން ބުންޏެވެ.
މަތިންދާބޯޓުގެ ރާސްތާއާއިގުޅޭގޮތުން ފްލައިޓްރާޑާ24 ވެބްސައިޓުން ފެންނަ މަޢުލޫމާތުން އެސްޖޭ182 ވައިގެ ބަނދަރުން ނައްޓާލުމުގެ ހަތަރު މިނެޓު ފަހުން، އެއް މިނެޓު ތެރޭގައި މަތިންދާ ބޯޓު ދުއްވަމުންދިޔަ އުސްމިން 10،000 ފޫޓު ތިރިވެފައިވާކަމަށްވަނީ ދައްކައިފައެވެ.

ގެއްލިފައިވާ ބޮއެއިން 737-500 މަރުކާގެ މަތިންދާ ބޯޓު ބޭނުންކުރާތާ 27 އަހަރަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.

މި ބޯޓުގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އިންޑޮނެޝިއާގެ ރަސްމީ އިދާރާތަކުން ބުނީ މި ފްލައިޓް އެންމެ ފަހުން ފެނުނު ސަރަހައްދަށް ބޯޓު ހޯދުމުގެ މަސައްކަތްކުރާ މީހުން ފޮނުވާފައިވާކަމަށެވެ.