ޚަބަރު

ފައުޒާން ދުނިޔެދޫކޮށް އެދިޔައީ މުޅިއިންސާނިއްޔަތަށް ހިތްވަރާއި އޯގާތެރިކަމާއި ކުލުނުގެ ފުރިހަމަ ނަމޫނާއެއް ދައްކައިދީފައި


ފުވައްމުލަކު ސިޓީގައި މޫދަށް އެރިއުޅެނިކޮށް ގެނބިގެން ނިޔާވި އަޙްމަދު ފައުޒާން ޙަސަން އެންމެ ފަހު ވަގުތުވެސް ދެއްކި ހިތްވަރު އެޑިއުކޭޝަން މިނިސްޓަރާއި ސްކައުޓު އެސޯސިއޭޝަނުން ފާހަގަކޮށްފިއެވެ.

އުމުރުން 17 އަހަރުގެ އަޙްމަދު ފައުޒާން ޙަސަން ގެނބިފައިވަނީ ފުވައްމުލަކު ސިޓީގެ މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެނބެމުންދިޔަ ދެ ކުއްޖަކު ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ ތެރޭގައެވެ. ފައުޒާންގެ މަސައްކަތުން ގެނބެމުންދިޔަ ދެ ކުދިން ވަނީ ސަލާމަތް ކޮށްފައެވެ. ފައުޒާން ގެނބުނީ އެ ކުދިން ސަލާމަތް ކުރުމަށްފަހު އެނބުރި އެއްގަމަށް މިސްރާބު ޖަހަން އުޅެނިކޮށް އައި ރާޅެއްގެ ސަބަބުން ކަމަށް މަޢުލޫމާތު ލިބެއެވެ. ފައުޒާން ނިޔާވީ ފުވައްމުލަކު ސިޓީ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދެމުން ދަނިކޮށެވެ.




ފުވައްމުލަކު ސުކޫލުގެ ސްކައުޓު ގްރޫޕުގައި ޕެޓްރޯލް ލީޑަރެއްގެ މަޤާމު އަދާކުރަމުންދާ ފައުޒަން ނިޔާވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވަނީ އެންމެ ފަހު ވަގުތުވެސް ފައުޒަން ދައްކުވައިދިން ހިތްވަރު ފާހަގަކުރައްވާފައެވެ. އަދި އާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.

ފައުޒާން ނިޔާވުމާއި ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "މުޅި ފުއައްމުލައް ފަޚުރުވެރިވާ ދަރިއެއް ކަމުގައިވި ފައުޒާން ދުނިޔެދޫކޮށް އެދިޔައީ މުޅިއިންސާނިއްޔަތަށް ހިތްވަރާއި އޯގާތެރިކަމާއި ކުލުނުގެ ފުރިހަމަ ނަމޫނާއެއް ދައްކައިދީފައި" ކަމަށެވެ.



ފައުޒަން ގެއްލުނު ކަމުގެ މަޢުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހަވީރު 16:47ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާ ހޯދުމަށް ކުރި މަސައްކަތުން މޫދު އަޑިން ފެނިފައިވަނީ 17:50 ހާއިރު ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.