ތަޢުލީމު

ދަރުމަވަންތަ ސްކޫލުގެ ބައު އިމާރާތް ތަޅާލުމުގައިވެސް ކޮރަޕްޝަންގެ ތުޙުމަތު

ދަރުމަވަންތަ ސްކޫލުގެ ބައު އިމާރާތް ތަޅާލުމުގެ މަސައްކަތުގެ އަގަށް އެތަކެއް މިލިއަން ރުފިޔާއެއް އިތުރުކޮށްފައިވަނީ ވަކި ބަޔަކަށް މަންފާ ހޯދައި ދިނުމުގެ ބޭނުމުގައިކަމަށް ބެލެވޭކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފިއެވެ.

މީނޫނަސް އިތުރު އެތައް މައްސަލަތަކެއް އެޑިއުކޭޝަން މިނިސްޓްރީގެ 2017 ވަނަ އަހަރުގެ މާލީ ހިސަބުތަކުގައި ހުރިކަން އޮޑިޓް ރިޕޯޓުންވަނީ ހާމަވެފައެވެ.

ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ބޮޑެތި މަސައްކަތާއި ގުޅިގެން އިތުރަށް ކުރަން ނިންމި މަސައްކަތެއް، އެ މަސައްކަތެއް ހަވާލުކޮށްފައިވާ ފަރާތާއި ހަވާލުކުރެވޭނީ އިތުރަށް ކުރާ މަސައްކަތުގެ އަގު އަސްލު ކޮންޓްރެކްޓްގެ ޖުމްލަ އަގުގެ %10 އަށް ވުރެ އިތުރުނުވާނަމައެވެ. ނަމަވެސް، ދަރުމަވަންތަ ސްކޫލު ބައު އިމާރާތް ތަޅާލުމުގެ މަސައްކަތަށް އިތުރުކުރި ކަންތައްތަކުގެ އަގު އެ މަސައްކަތުގެ ޖުމްލަ އަގުގެ %10 އަށްވުރެ އިތުރުވި ނަމަވެސް، އިޢުލާން ކުރުމަކާ ނުލައި އެ މަސައްކަތްތައް ޙަވާލުކޮށްފައިވަނީ ކުރިންވެސް މަސައްކަތް ހަވާލުކުރި ފަރާތަށްކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ދަރުމަވަންތަ ސްކޫލުގެ ބައު އިމާރާތް ތަޅާލުމުގެ މަސައްކަތް 60 ދުވަސް ތެރޭގައި ނިންމާގޮތަށް ޖުމްލަ އެއް މިލިޔަން ހަތަރު ސަތޭކަ ނުވަދިހަ ހަތަރު ހާސް ހަ ސަތޭކަ ރުފިޔާއަށް އައި.އެސް.އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 10 އޮކްޓޫބަރު 2016 ގައެވެ. ނަމަވެސް، 24 އޮކްޓޫބަރު 2016 ގައި މަސައްކަތް ހަވާލު ކުރެވުނު ފަރާތުން، މަސައްކަތުގެ އަގުގެ ތެރޭގައި ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތް ތަޅާލުމުގެ މަސައްކަތް ނުހިމެނޭކަމަށާއި، އެ އިމާރާތް ތަޅާލުމުގެ އަގަކީ އެއް މިލިއަން އެއް ސަތޭކަ ހާސް ހަތަރު ސަތޭކަ ރުފިޔާ ކަމަށާއި، މުޅި މަސައްކަތުގެ ޖުމްލަ އަގަކީ ދެ މިލިޔަން ފަސް ސަތޭކަ ނުވަދިހަ ފަސްހާސް ރުފިޔާ ކަމަށާއި، އަދި މުއްދަތަކީ 90 ދުވަސްކަމަށް ބަޔާކޮށް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވެއެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އިން ހުއްދަ ހޯދުމަށްފަހު، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ވަނީ އެ މަސައްކަތުގެ އަގާއި މުއްދަތު އިތުރުކޮށްފައެވެ. ނަމަވެސް އިތުރުކުރެވުނު މަސައްކަތުގެ އަގަކީ، އެއްބަސްވުމުގައިވާ އަގުގެ %74 ކަމުން، އެ މަސައްކަތް ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށްކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދަރުމަވަންތަ ސްކޫލުގެ ބައު އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި، މަޢުލޫމާތު ޝީޓާއި، އެއްބަސްވުމުގައި ކުރަންޖެހޭ މަސައްކަތުގެ ގޮތުގައި ބަޔާންކޮށްފައިވަނީ އެ ސްކޫލުގެ މުޅި އިމާރާތް ތަޅާލުން ކަމަށްވާއިރު، ހުށަހަޅާފައިވާ އަގުގައި ސްކޫލް ގެ ދެކުނު އިމާރާތް ތަޅާލުމުގެ އަގުގެ ހިމަނާފައިނުވާނަމަ، އެކަން ހިނގާފައިވަނީ މަސައްކަތަށް އަގު ހުށަހެޅި ފަރާތުގެ އިހުމާލުންކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމުގެ ސަބަބުން އެ ފަރާތަށް ލިބިދާނޭ ގެއްލުމަކަށް ދައުލަތުން ޒިންމާވާން ޖެހޭނެ ކަމަކަށް ނުދެކޭކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ލިޔެކިޔުންތަކުގައި މި މަސައްކަތް މިހާރު ނިމިފައިވާކަމަށް ބަޔާންކޮށްފައި ވީނަމަވެސް އެއްބަސްވުމާއެކު އެޓޭޗް ކޮށްފައިވާ ކުރެހުމުގައި ހުރި ބައެއް އިމާރާތްތައް އަދިވެސް ތަޅާލާފައި ނުވާކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެނައިކަންވެސް އެނގެން ނެތްކަންވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޕްރޮޖެކްޓްގެ ސްކޯޕަށްގެނެވޭ ބަދަލެއް ނުވަތަ އިތުރުކުރެވޭ މަސައްކަތެއް ނުވަތަ އެ ޕްރޮޖެކްޓުގެ މެޓީރިއަލްސްއަށް އަންނަ ބަދަލެއްގެ ސަބަބުން އެ ޕްރޮޖެކްޓެއް އެވޯޑު ކުރި އަގު ނުވަތަ އެވޯޑު ކުރި މުއްދަތު އިތުރުކުރަންޖެހިއްޖެނަމަ، އެފަދަ މަސައްކަތެއް ނުވަތަ މުއްދަތެއް އިތުރުކުރުމުގެ ކުރިން ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުއްދަ ހޯދަންޖެހޭ ފަރާތުން ހުއްދަ ހޯދުމަށް އޮޑިޓް އޮފީހުންވަނީ އަންގާފައެވެ. އަދި މިކަން ހިނގާފައިވާގޮތަށް ބަލާއިރު މިއީ، ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީވެ މިކަން އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކަށް ހުށަހެޅުމަށްވެސް މި ރިޕޯޓުގައި ދަންނަވާފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި 2017 ވަނަ އަހަރު ނިމުނުއިރު ނުދައްކާ ހުރި ބިލްތަކުގެ އަދަދު މާލީ ބަޔާނުގައި ހިމަނާފައި ނުވާކަން ވެސް ހިމެނެއެވެ. އެގޮތުން އެޑިޔުކޭޝަން މިނިސްޓްރީން 2017 ވަނަ އަހަރުގެ ނިޔަލަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބިލުތައް ނުދައްކާ ހުރި ކަމަށް ހިސާބުތަކުން ދެއްކި ނަމަވެސް، މާލީ ބަޔާނުގައި ހިމަނާފައި ވަނީ އޭގެ ތެރެއިން އެންމެ 1.79 މިލިއަން ރުފިޔާކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ތަކެތި ލިބުނުކަން ނުވަތަ މަސައްކަތް ކަށަވަރުނުކޮށް ބިލްތަކަށް ފައިސާ ދެއްކުމާއި، ބައެއް މަޝްރޫޢުތައް ކުރިޔަށް ގެންދިއުމުގައި ދައުލަތަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވުމާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާއި އެއްގޮތަށް ހަރުމުދާ ބަލަހައްޓާފައިނުވާކަންވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.