ވިޔަފާރި

ޕޭމަންޓް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތަށް ޓެކްނިކަލް ކޮންސަލްޓަންޓެއް ހޯދަނީ


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ޤާއިމްކުރުމަށް މަސައްކަތްކުރާ ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތަށް ޓެކްނިކަލް ކޮންސަލްޓަންޓެއް ހޯދަން އިޢުލާންކޮށްފިއެވެ.

ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތަށް ޓެކްނިކަލް ކޮންސަލްޓަންޓެއް ހޯދަން އިޢުލާންކޮށްފައިވާއިރު، ޕޭމަންޓް ސިސްޓަމް ޤާއިމްކުރުމުގެ އެއްބަސްވުމުގައި އެމްއެމްއޭއިން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ބޭރުގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެމްއެމްއޭގެ އިޢުލާންގައިވާގޮތުން ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތުގެ ޓެކްނިކަލް ކޮންސަލްޓަންޓަކަށް ވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ޝަޢުޤުވެރިކަން ފާޅުކުރުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި އެކަމަށް އެދި ހުށަހަޅާ ބިޑް މިމަހުގެ 21 ވަނަ ދުވަހުގެ ހުށަހަޅަންޖެހޭނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަަމް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި އެމްއެމްއޭއިން ސޮއިކޮށްފައިވަނީ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޓިއޭޓޯއެވްރީގެ ސަބްސިޑަރީއެއްކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސް.އައި.އޭ އާއިއެކުގައެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމަކީ ރާއްޖޭގައި ކުރެވޭ މާލީ މުޢާމަލާތްތަކުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އެމްއެމްއޭއިން ފަށާފައިވާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެންމެ މުހިންމު އެއް އަސާސްކަމަށް އެމްއެމްއޭއިން ބުނެއެެވެ.

ރާއްޖެެއަކީ ގުދުރަތީގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ޤައުމެއްކަމުގައި ވީނަމަވެސް، މި ސިސްޓަމް ޤާއިމްކުރެވިގެންދިޔުމާއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް ފަސޭހަކާމާއިއެކު، ވަގުތުން ވަގުތަށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުގެ މަގު ފަހި ވެގެންދާނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި ޒަމާނީ، އީޖާދީ މާލީ ޚިދުމަތްތައްދޭ ފަރާތްތަކަށް މި ސިސްޓަމްގެ ސަބަބުން ރައްޔިތުންނާއި ހަަމަޔަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. އެމްއެމްއޭއިން ވިދާޅުވީ މި ސިސްޓަމްގެ ބޭނުން ރާއްޖޭގައި ހިނގާ މުއާމަލާތްތަކުގައި 2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި ބޭނުން ކުރަންފެށޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޓިއޭޓޯއެވްރީއަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިފަދަ ސިސްޓަމްތަކުގެ ޚިދުމަތް ފުޅާދާއިރާއެއްގައި މިހާރުވެސް ދެމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ. އެގޮތުން ސްވިޑަންގައި "ސްވިޝް"ގެ ނަމުގައި މޮބައިލް ޕޭމަންޓް ސޮލިއުޝަނެއް ޤާއިމުކުރުމާއިއެކު، ފިންލެންޑުގައި ފުރަތަމަ ޤާއިމުކުރެވުނު ރިއަލް ޓައިމް މޮބައިލް ޕޭމަންޓް ޕްލެޓްފޯމްވެސް ފޯރުކޮށްދީފައިވަނީ ޓިއޭޓޯއެވްރީއިންނެވެ. މީގެ އިތުރުން، ޓިއޭޓޯއެވްރީއިން ވަނީ ކެންޔާގައިވެސް ޕެސާލިންކްގެ ނަމުގައި ރިއަލްޓައިމް މަނީ ޓްރާންސްފަރ ސޮލިއުޝަނެއް ޤާއިމުކޮށްދީފައެވެ.

މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގެ ޕޭމަންޓް ނިޒާމު, ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން ޤައުމުތަކާއި އެއްހަމައެއްގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މުހިންމު މަސައްކަތްތަކެއް، މިއެއްބަސްވުމުގެ ދަށުން ކުރެވިގެންދާނެ ކަމަށް އެމްއެމްއޭއިން ޤަބޫލުކުރެއެވެ.