ވިޔަފާރި

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުންގެ އަދަދު އިތުރުކޮށްފި


ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުންގެ އަދަދު އިތުރުކޮށްފިއެވެ.

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް ގެންނެވި ބަދަލާއެކު، ކުރިން 6 މެމްބަރުން ތިއްބެވި އެކުންފުނީގެ ބޯޑު މެމްބަރުންގެ އަދަދު ވަނީ 11 އަށް އިތުރުކޮށްފައެވެ.

ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ، އެޗްޑީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އަލަށް އައްޔަންކޮށްފައިވާ މެމްބަރުންނަކީ އަބްދުލް މުންނިމް، އަބްދުﷲ މިއާދު، މުހައްމަދު ޖަލާލް، ޝާތިރު އަބްދުއްރަހުމާން އަދި މަރިޔަމް ޝަވާދިން އަބްދުﷲއެވެ.

މި ބޭފުޅުންގެ ތެރެއިން ޝާތިރު އަބްދުއް ރަހްމާންއާއި މަރިޔަމް ޝަވާދިންއަކީ، ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ޖީ.އެމް.އައި.ޒެޑް.އެލްގެ ބޯޑުގައިވެސް ހިމެނުނު ދެ ބޭފުޅުންނެވެ.

އެޗްޑީސީގެ ބޯޑު މެމްބަރުންގެ އަދަދު 11 އަށް އިތުރުކުރިއިރު، މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއި އެޗްޑީސީ ވަނީ އެއްކޮށްލާފައެވެ. އެޗްޑީސީއަކީ ހުޅުމާލޭގެ ކަންކަން ބެލެހެއްޓުމަށް ރައީސް މައުމޫންގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. އަދި ޖީއެމްއައިޒެޑްއެލްއަކީ ތިލަފުއްޓާއި ގުޅިފަޅުގެ ކަންކަން ބެލެހެއްޓުމަށް ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ.

މި ދެ ކުންފުނި އެއްކޮށްލަން ނިންމީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުންނެވެ.