ދުނިޔެ

އުފާވެރި ހަބަރެއް، އަންނަ މާރިޗުން ފެށިގެން ސައުދީ ހުޅުވާލަނީ


އަންނަ މާރިޗުމަހުގެ 31 ވަނަދުވަހުން ފެށިގެން ސައުދީގެ ހުރިހާ ބޯޑަރުތަކެއް ހުޅުވާލާނެކަން އެ ޤައުމުން އިއުލާންކޮށްފިއެވެ.

ކޯވިޑްގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑުވެ ހައްޖާއި އުމްރާ ދަތުރުތައް ހުއްޓާލާ ސައުދީން އެ ޤައުމުގެ ބޯޑަރުތައް ބަންދުކުރީ މިިދިޔަ އަހަރުގެ މާރިޗުމަހުގެ 31 ވަނަދުވަހުއެވެ. އަދި އެދުވަހު ވަނީ ދެ ހަރަމުވެސް ބަންދުކޮށް އާއްމުކޮށް ހުޅުވާލައިގެން މީހުންނަށް ނުވަދެވޭގޮތަށް ނަމާދުކުރުންވެސް ހުއްޓާލާފައެވެ.

ސައުދީ ސަރުކާރުން ބުނީ އެ ޤައުމުގެ ހުރިހާ ބޯޑަރެއް އަންނަ މާރިޗުމަހުގެ 31 ވަނދުވަހު ހުޅުވާލާނެކަމަށެވެ. މި ބަދަލާއި އެކު ސައުދީ ރައްޔިތުންނަށް ޤައުމުން ބޭރަށް ދިޔުމާއި އެހެން ޤައުމުތަކުން އެޤައުމަށް އެތެރެވުމުގެ ހުއްދަވެސް އޮންނާނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

ސައުދީ ސަރުކާރުން ކުރިން ނިންމާފައި އޮތީ މިމަހުގެ 31 ވަނަދުވަހު ހުރިހާ ބޯޑަރެއް އާއްމުކޮށް ހުޅުވާލުމަށެވެ. އެހެންނަމަވެސް ކޯވިޑްގެ އައު ވައްތަރެއް ފެނުމުން އެ ނިންމުމަށް ބައެއް ބަދަލުތައް ގެނެސްފައިވާކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

އަންނަ މާރިޗުމަހު ބޯޑަރުތައް ހުޅާލަން ނިންމި ނަމަވެސް އެ ވަގުތާއި ހަމައަށްވެސް ކޯވިޑްގެ ހާލަތު ގާތުން ބަލަމުންދާނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ. އާއްމުކޮށް ބޯޑަރުތައް ހުޅުވާލަން ނިންމި ނަމަވެސް ހައްޖާއި އުމްރާއަށް އަންނަ މީހުންނަށް ކަނޑައެޅިފައިވާ އުސޫލްތަކެއް އަދި ސައުދީ ސަރުކާރުން ހާމައެއް ނުކުރެއެވެ.

މިހާރު ދޫކޮށްފައިވާ ހުއްދަތަކުން އެޤައުމަށް އުމްރާއަށް އެތެރެވެވޭނީ ދެވޭނީ 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނަށެވެ. އަދި އުމްރާއަށް އެ ޤައުމަށް އަންނަ މީހުން ތިން ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހެއެވެ. އުމްރާއަށް ސައުދީއަށް ވަދެވޭނީ އެމީހެއްގެ ޤައުމުން އެމީހެއްގެ ގައިގައި ކޯވިޑް ނެތްކަން އަންގައިދޭ ޕީސީއާރު ޓެސްޓް ސެޓިފިކެޓެއް ހުށައެޅުންކަމަށެވެ. އަދި މި ޓެސްޓަކީ 72 ގަޑިއިރު ނުވާ ޓެސްޓަކަށް ވާންޖެހޭނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ. އަދި ދަތުރުގެ ދިގުމިނަކީ 10 ދުވަސްކަމަށާއި އުމްރާއަށް ވަންނަ މީހުންނަށް މައްކާނޫން އެހެން އެއްވެސް ތާކަށް ނުދެވޭނެއެވެ.