ޚަބަރު

މަގުމަތިން ހުއްޓުވާ ކޮންމެ 3 މީހަކުން އެކަކީ ޤަވާއިދާ ޚިލާފަށް އުޅޭމީހެއް - ފުލުހުން


މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި މަގުމަތިން ހުއްޓުވާ ކޮންމެ ތިން މީހަކުން އެކަކަކީ ޤަވާޢިދާ ޚިލާފަށް އުޅޭ މީހެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ މެޖެސުތައް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން މިއަދު ފެށި "ރައްކާ ރޯޑް ސޭފްޓީ ރަން" އިފްތިތާޙްކުރުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރިއަށްގެންދާ ހަރަކާތްތަކާއި ގޫޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާނު ޔޫސުފް ވިދާޅުވީ
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކޮންމެ މީހެއްގެ ވެސް ދިރުއުޅުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށެވެ. އެގޮތުން މަގުމަތީގައި ޤަވާއިދާ ޚިލާފަށް އުޅޭމީހުންގެ ސަބަބުން ޤަވާޢިދަށް އުޅޭ މީހުންނަނަށްވެސް ގެއްލުންވަމުންދާކަމަށް ވިދާޅުވިއެވެ.

މަންނާނު ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް މާލެ ސަރަހައްދުގައި މަގުމަތީގެ ހާހެއްހާ އެކްސިޑެންޓް ހިނގާފައިވާއިރު، އޭގެ ތެރޭގައި ނުރައްކާތެރި ހާދިސާތަށް ހިމެނެކަމަށެވެ. އަދި އެފަދަ ހާދިސާތައް މަދުކުރުމައްޓަކައި ފުލުހުން ހިންގާ އޮޕަރޭޝަންތަކުން އެއްޤަމު އުޅަނދު ދުއްވާ ގިނަ އަދަދެއްގެ ބަޔަކު ޤަވާޢިދާ ޚިލާފަށް އުޅޭކަން ފާހަގަކުރެވޭކަމަށް މަންނާނު ވިދާޅުވިއެވެ.

"މިއަދުގެ ސްޓެޓިސްޓިކަށް ބަލާލައިފިއްޔާ ފުލުހުން ހުއްޓުވާ ކޮންމެ ތިން މީހަކުން އެކަކީ ޓްރެފިކް ޤަވާއިދާއި ޚިލާފަށް އުޅޭ މީހެއް. ވަރަށް ކަނބޮޑުވާ ދަރަޖައެއްގައި އޮތްކަމެއްމީ. އެއްގޮތަކުންވިއްޔާ އަތުގައި ލައިސަންސްއެއް ނޯވޭ. ލައިސަންސް އޮތިއްޔާ ހުއްދަކުރާ ކެޓަގަރީގެ އެއްޗެއް ނޫން ދުއްވަނީ. ނޫނިއްޔާ ޤަވާއިދާ އެއްގޮތަށް ހުރި ސައިކަލެއް ނޫނީ ވެހިކަލެއްގައެއް ނޫން އުޅޭނީ. 3 މީހަކުން އެކަކު. ވަރަށް ބޮޑު އަދަދެއް. ހިނގާފައި ހުރި ގިނަ އެކްސިޑެންޓަތައް ހިނގާފައިވަނީ އޯވާ ސްޕީޑްކޮށްގެން" މަންނާން ވިދާޅުވިއެވެ.

ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތްވެސް ބައިވެރިވެވަޑައިގެންނެވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިދާރާރައް ގުޅިގެން ހިންގާ ހަރަކާތްތަކުގެ ނަތީޖާ ރަނގަޅު ނަމަވެސް ހާދިސާތައް މަދުކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތްކޮސް ހޭލުންތެރިވާން ޖެހޭކަމަށެވެ.

އެގޮތުން ދިމާވާ ހިތާމަވެރި ދަނޑިވަޅުތަކާއި އުވާފެރިކަމުގެ ވަގުތުތަކުގައި ދުއްވާ އުޅަނދެއްގެ މުއްގަނޑަށް ނުވަތަ ހުންގާނަށް އޭގެ ޖަޒުބާތި ބޭލުން ހުއްޓާލަންޖެހިފައިވާކަމަށް ނަޒީރު ވިދާޅުވިއެވެ.

"އުފަލެއް ނުވަތަ ހިތާމައެއް ނޫނީ ހިތްދަތިކަމެއް ލިބޭ ކޮންމެ ފަހަރަކު ސައިކަލުގައި މަގުމައްޗަށް ނިކުމެ މުއްގަނޑުފެލާލާފައި ދުއްވާލީމަ އޭގެ ސަބަބުން އެތައް ބަޔަކަށް އޭގެ ދަތިކަމާއި ފުރާނައަށް ގެއްލުންވާފަހަރުވެސް އެބައާދޭ. އެހެންވީމަ އެފަދަ ކަންކަން އަޅުގަނޑުމެންގެ ތެރެއިން އެއްކިބާކޮއްލަން އަޅުގަނޑު އިލްތިމާސްކުރަން" ސްޓޭޓް މިނިސްޓަރ ނަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯވގެ ހިމެނޭ ފުރަތަމަ ހަރަކާތުގެ ގޮތުގައި މިއަދު ބޭއްވި ރައްކާ ރޯޑް ސޭފްޓީ ރަންގައި 800 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

"ރައްކާ ރޯޑް ސޭފްޓީ ރަން" ނަމުގައި މި ފެށި ރަން މިމަހުގެ 16ވަނަ ދުވަހުގެ 18:00 އާ ހަމައަށް ކުރިއަށްދާއިރު މި ދުވުން ކުރިއަށްދާނީ 2018އިން 2020އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދުކަމަށްވާ 5665 ހިމެނޭގޮތަށް ދުވުމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކިލޯ މީޓަރުން އެޢަދަދު އުނިކުރެވޭ ގޮތަށެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ތަފާތު މެސެޖުތައް ހިމެނޭ ޓީޝާޓަކާއި މެޑަލް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.