ވިޔަފާރި

އިންވެސްޓްމަންޓް ފަންޑް ގާއިމް ކުރުމާއިގުޅޭ ސެމިނަރ އެއް ފަށައިފި


އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކާއި، ކެޕިޓަލް މާކެޓް ޑިވޮލޮޕްމެންޓް އޮތޯރިޓީ ގުޅިގެން އިންވެސްޓްމަންޓް ފަންޑް ގާއިމް ކުރުމާއި، އިންވެސްޓްމަންޓް ފަންޑު ރެގިއުލޭޓް ކުރުމާ ގުޅޭ ސެމިނާއެއް ފަށައިފިއެވެ.އާސިއާންގެ ގައުމުތަކާއި ސާކްގެ ގައުމުތަކުން ބައިވެރިވާ މި ސެމިނަރ އަކީ އޭ.ޑީ.ބީ އާ، ސީ.އެމް.ޑީ.އޭ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވަމުންދާ ސެމިނާއެކެވެ.ސެމިނާ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަބްދުﷲ ޖިހާދު އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ ޖިހާދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް އިންވެސްޓް މަންޓް ފަންޑުތައް މުހިންމު ވެފައިވާ މިންވަރު ފާހަގަކުރެއްވިއެވެ.އެގޮތުން ރާއްޖޭގައިވެސް ބައެއް ބާވަތްތަކުގެ ވިޔަފާރި ފެށުމުގެ ގޮތުން ފަށާ ޕްރޮޖެކްޓްތައް ވަކި ވަރަކަށް ދިއުމުން ހުއްޓިފައި އެބަހުރިކަމަށާއި، އެފަދަ ޕޮރްޖެކްޓްތައް ނިންމައި ވިޔަފާރި ފަށައިގައިގަތުމަށް ބޭންކުތަކުން އެހީތެރިނުވާކަން ފާހަގަކުރައްވިއެވެ. އެހެން ކަމުން އަދުގެ ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ އެފަދަ ފަރާތްތަކުގެ ވިޔަފާރިތައް، ޚާއްސަކޮށް މަސައްކަތް ފަށައި ނުނިމިވާ ރިޒޯޓްތައް ނިންމުމަށް އެހީތެރިވުމަށް ކަމަށް މިނިސްޓަރ ޖިހާދު ވިދާޅުވިއެވެ. އަދި މިފަދަ ސެމިނާއެއް ނިމިގެންދާއިރު، އެހެން ގައުމުތަކުން އަމަލުކުރާ ގޮތްތައް ނަކަލު ކުރުމުގެ ބަދަލުގައި އެގައުމަކާ ގުޅޭ އެންމެ އެކަށީގެންވާ ގޮތަށް އިންވެސްޓްމަންޓް ފަންޑް ގާއިމް ކުރުމާއި، އިންވެސްޓްމަންޓް ފަންޑު ރެގިއުލޭޓް ކުރުމާގުޅޭ ގޮތުން އުނގެނުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.ސެމިނާއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ސީ.އެމް.ޑީ.އޭގެ ސީ.އީ.އޯ އަޙްމަދު ނަސީރު ވިދާޅުވީ، ސީ.އެމް.ޑީ.އޭ އާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުދި ފަންތިއާއި  މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓްމަންޓް ފަންޑެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައި ރާއްޖޭގައި މި ސެމިނަރ ބޭއްވިގެންދިއުމަކީ ރާއްޖެއިން ސެމިނާގައި ބައިވެރިވާ ފަރާތްތަކަށް ވަރަށް ފައިދާ ކުރާނެކަމެއްކަމަށެވެ.މި ސެމިނާގައި އިންވެސްޓްމަންޓް ފަންޑް ގާއިމް ކުރުމާއި، އިންވެސްޓްމަންޓް ފަންޑު ރެގިއުލޭޓް ކުރާނީ ކިހިނެއްކަން މަޝްވަރާ ކުރެވިގެންދާނެކަމަށް ނަސީރު ވިދާޅުވިއެވެ.މިއަދުން ފެށިގެން މިމަހުގެ ބާވީހުގެ ނިޔަލަށް ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި ކުރިއަށް ދާ މި ސެމިނާގައި އާސިޔާން އަދި ސާކް ހިމެނޭ ގޮތަށް ސަރަހައްދީ ގައުމުތަކުގެ މާލީ ދާއިރާގައި ހިމެނޭ ފަސްދޮޅަސް ހަތް މަންދޫބުން ބައިވެރިވެއެވެ.