ކުޅިވަރު

ލިވަޕޫލާއި ދެކޮޅަށް ޒުވާން ޓީމެއް ނެރުމަށް އެސްޓަންވިލާއަށް މަޖުބޫރުވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގެ ކްލަބް އެސްޓަންވިލާގެ ގިނަ ކުޅުންތެރިންނާއި އޮފިޝަލުންނަށް ކޯވިޑް-19އިގެ ވައިރަހުގެ އަސަރު ކުރުމާއި ގުޅިގެން އިނގިރޭސި އެފް.އޭ. ކަޕްގައި މިރޭ ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗްގައި ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެއް ނެރެން ޖެހިދާނެ ކަމަށް ބެލެވެން ފަށައިފިއެވެ. މިމެޗް ކުރިއަށް ގެންދިއުމާމެދު އެންމެ ފަހުގެ ނިންމުން ނިންމާނީ މިއަދުގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

އެސްޓަންވިލާއިން މިހާރު ދަނީ މިކަމާއި ގުޅިގެން އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނާއި މަޝްވަރާތައް ކުރަމުންނެވެ. އަދި މަޢުލޫމާތު ލިބޭގޮތުގައި އެޓީމުން ބޭނުންވަނީ މިރޭގެ މެޗް ރޭވިފައިވާ ގޮތުގެ މަތިން ކުރިއަށް ގެންދާށެވެ. ނަމަވެސް މިމެޗް ކުޅުމާމެދު ގޮތެއް ނިންމެން އަންނަނީ އެސްޓަންވިލާއިން މިރޭ ނެރުމަށް މަސައްކަތް ކުރަމުންދާ ޒުވާން ކުޅުންތެރިންގެ ޓެސްޓް ހަދާ ނަތީޖާ ނިކުންނަަ ގޮތެއްގެ މަތިންނެވެ. ވިލާގެ ކޯޗު ޑީން ސްމިޓާއި އޭނާ ކޯޗިންގ ސްޓާފުންގެ އިތުރުން ފުރަތަމަ ޓީމްގެ ކުޅުންތެރިން މިރޭގެ މެޗްގައި ނުކުޅޭނެކަން މިހާރުވަނީ ކަށަވަރުވެފައެވެ. އަދި އެޓީމް ފަރިތަކުރަމުންދާ ދަނޑުވެސް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައެވެ.

ލިވަޕޫލާއި ދެކޮޅަށް ޒުވާން ޓީމް ކުޅޭގޮތަށް ހަމަޖެހިއްޖެނަމަ މިރޭ ވިލާގެ ކޯޗުގެ ގޮތުގައި ފެނިގެންދާނީ އެސްޓަންވިލާގެ 23 އަހަރުން ދަށުގެ ޓީމްގެ ކޯޗު މާރކް ޑެލޭނީއެވެ. ވިލާގެ ގިނަ ކުޅުންތެރިން ތަކަކާއި ކޯޗިންގ ސްޓާފުންގެ ގިނަ ބަޔަކު ކޯވިޑަށް ޕޮޒިޓިވް ވިކަން ޔަގީންވެފައިވަނީ މިދިޔަ ހޯމަދުވަހު ހެދި ޓެސްޓް ތަކުންނެވެ. އަދި ޕޮޒިޓިވްވި ކުޅުންތެރިން އަމިއްލައަށް ގޭގައި ކަރަންޓީން ވިއެވެ. އަދި ބާކީ ތިބި ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި އިއްޔެ އަލުން ކުރި ޓެސްޓް ތަކުން އިތުރު ބަޔަކު ޕޮޒިޓިވްވުމުން ޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީއެވެ.

އިނގިރޭސި އެފް.އޭ. ކަޕްގެ ތިންވަނަ ބުރުގައި އެންމެ ފާހަގަކޮށްލެވޭ މެޗެއްގެ ގޮތުގައި އޮތް މި ކުރިމަތިލުމަށް ނިކުންނައިރު ދެޓީމްގެ ކޯޗުންވެސް ގިނަ ބަދަލުތަކެއް ގެންނާނެކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ. މިދެޓީމް މިސީޒަންގައި އިންގްލިޝް ޕްރިމިއަރ ލީގުގައި ބައްދަލުކުރިމެޗް ވަރަށް ފަސޭހަ ކަމާއެކު 7 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ އެސްޓަންވިލާއެވެ.