ކުޅިވަރު

އޮލިމްޕިކް ގޭމްސް ބޭއްވޭނެކަމުގެ ޔަގީންކަމެއް އަދި ނެތް - ޕައުންޑް


ކޯވިޑް-19އާ ގުޅިގެން މިއަހަރަށް ފަސްކުރި ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އޮލިމްޕިކް ގޭމްސް 2020 ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމުގައި ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީގެ އެންމެ ދުވަސްވީ މެންބަރު ކަމަށްވާ ޑިކް ޕައުންޑް ހާމަކޮށްފިއެވެ.

ޕައުންޑް މިހެން ހާމަކޮށްފައިމިވަނީ ޓޯކިޔޯގައި ބާއްވާ އޮލިމްޕިކް ކުޅިވަރު މުބާރާތް ބޭއްވުމަށް ތައްޔާރަށް އޮތް ކަމަށް މި މުބާރާތް އިންތިޒާމް ކުރާ ފަރާތުން ހާމަކޮށްފައިވަނިކޮށެވެ. އޮލިމްޕިކް ގޭމްސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 23 އިން އޮގަސްޓް މަހުގެ 8 އަށެވެ. ޕައުންޑް ހާމަކުރިގޮތުގައި ކޯވިޑްގެ ކަންތައްތައް ދާގޮތުން އަދިވެސް މުބާރާތް ބޭއްވޭނެކަން ޔަގީންކޮށް ބުނަން ނޭގެއެވެ.

ޕައުންޑް ހާމަކުރިގޮތުގައި މުބާރާތް ބޭއްވޭނަމަ މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަށް ކޯވިޑް ވެކްސިން ދިނުމަކީ މުހިންމު ކަމެއް ކަމަށާއި ވެކްސިން ދޭ މީހުންގެ ލިސްޓްުގެ ކުރިއަށް އެފަރާތްތައް ލުން މުހިންމު ކަމަށެވެ. އަދި ޤައުމުތައް ތަމްސީލް ކުރާ އެތުލީޓުން ޓޯކިޔޯއަށް އެތެރެވާއިރު ވެކްސިން ޖަހާފައި ހުރުމަކީ ކުރަންޖެހޭ ކަމެއްގެގޮތުގައި މުބާރާތް އިންތިޒާމްކުރާ ފަރާތްތަކަށް ކަނޑައެޅުމުގެ ފުރުސަތު އޮތް ކަމަށެވެ. އޮލިމްޕިކް ކޮމިޓީއިން ކުރިން ހާމަކުރިގޮތުގައި އެތުލީޓުން ވެކްސިން ޖެހުން ކޮންމެހެން ލާޒިމެއް ނޫނެވެ. ނަމަވެސް މި މުބާރާތުގައި ބައިވެރިވާ ވީހާވެސް ގިނަ އެތުލީޓުންނަށް ވެކްސިން ދެވޭތޯ ބެލުމަށް އައި.އޯ.ސީ. އާއި ބައިނަލްއަޤްވާމީ ޕެރަލިމްޕިކްސް ކޮމިޓީ އެއްބަސްވާކަމަށެވެ.

ޖަޕާންގެ ބޮޑުވަޒީރު ޔޮޝިހީޑޭ ސޫގާ ވަނީ ކޯވިޑް 19 އާއި ގުޅޭ އިމަރޖެންސީ ޕްލޭނެއް އާންމުކޮށްދެއްވާފައެވެ. އޮލިމްޕިކް ގޭމްސް އިންތިޒާމް ކުރާ ޓޯކިޔޯގެ ޓީމުން ހާމަކުރިގޮތުގައި މިޕްލޭންގެ ސަބަބުން މިއަހަރުގެ މުބާރާތް ރައްކާތެރިކަމާއެކު ކުރިއަށް ގެންގޮސް ކާމިޔާބު މުބާރާތެއް ބޭއްވުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާކަމަށެވެ
.
ޓޯކިޔޯގައި އިއްޔެވެސްވަނީ 2،447 މީހަކަށް ކޯވިޑް ޖެހިފައެވެ. އަދި ކޯވިޑް ފެތުރުން ހުއްޓުވުމަށް އަޅަންޖެހިފައިވާ ފިޔަވަޅު ތަކާއެކު މިފަހަރުގެ އޮލިމްޕިކް ގޭމްސްއަށް ހިނގާ ޚަރަދުވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. މިގޮތުން 2.8 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް މިހާރުވަނީ ބެލެވިފައެވެ.