ޖެނުއަރީ ޓްރާންސްފަރ މާކެޓްގައި ސެންޓަރ ބެކަށް ކުޅޭ ކުޅުންތެރިޔަކު ސޮއި ކުރުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ލިވަޕޫލްގެ ކޯޗް ޔަރގަން ކްލޮޕް ހާމަކޮށްފިއެވެ.
ކްލޮޕް ހާމަކުރިގޮތުގައި ކޯވިޑް 19 އާހެދި އިގްތިސާދީ ގޮތުން ކްލަބަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅިގެން އާ ކުޅުންތެރިޔަކު ސޮއި ކުރުމުގެ ފުރުސަތު ވަރަށް ކުޑައެވެ.
އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަޕޫލްގެ ޑިފެންސަށް ކުޅޭ މުހިންމު ބައެއް ކުޅުންތެރިންނަށް މިސީޒަންގައި ވަނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ތިބެން ޖެހިފައެވެ. އެގޮތުން އެކްލަބްގެ ދިފާއީ މައި ތަނބުގެ ގޮތުގައި ބެލެވިފައިވާ ވަރގިލް ވެންޑައިކް އާއި ޖޯ ގޯމޭޒްއަށްވަނީ އަނިޔާ ވެފައެވެ. އަދި ޖޮއެލް މަޓިޕްއަށް ދޭތެރެ ދޭތެރެއިން އަނިޔާ ވަމުންދާތީ ކްލޮޕަށް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ.
ކްލޮޕް ހާމަކުރިގޮތުގައި ބައެއް ކްލަބްތަކަށް ފައިސާގެ މައްސަލަ ކުރިމަތިވެފައި ނުވި ނަމަވެސް ލިވަޕޫލަށް މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. ފުރުސަތު ކުޑަ ނަމަވެސް އޭގެ މާނައަކީ ކުޅުންތެރިއެއް ނުގެންނާނެ ވާހަކަ ނޫންކަމަށްވެސް ކްލޮޕް ހާމަކުރިއެވެ. އިންގްލިޝް ޕްރިމިއަރ ލީގުގައި މިވަގުތު ލިވަޕޫލް އޮތް ނަމަވެސް ފަހު ދެތިން މެޗްގައި އެޓީމްގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެންނަމުން ގޮސްފައި ނުވެއެވެ. މިގޮތުން އެންމެ ފަހުން ކުޅުނު ތިން މެޗުން އެޓީމަށް ހޯދިފައިވަނީ 2 ޕޮއިންޓެވެ.