ޚަބަރު

ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި 2 މީހަކަށް ހާނީއްކަވެއްޖެ


މާލޭ ވިޔަފާރި ބަދަނދަރުގައި، ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި 2 މީހަކަށް ހާނީއްކަވެއްޖެއެވެ.

މިރޭ ހިނގި މިޙާދިސާގައި ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހާނީއްކަވީ އެސަރަޙައްދުގައި މަސައްކަތްކުރި ދެމަޖޫރިއަކަށެވެ. ވިޔަފާރި ބަނދަރު ހިންގާ، އެމްޕީއެލްއިން މަޢުލޫމާތު ދެއްވިގޮތުގައި މިޙާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައިކަމަށެވެ. މި ޙާދިސާގައި، ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު، އެ ޕެލެޓް ނެރުމަށް ހަރަކާތްތެރިވަމުންދިޔަ މަޖޫރިއެއް ވަނީ ޕެލެޓްގެ އަރިމަތީގައި ތާށިވެފައިކަމަށާ، އިތުރު މަޖޫރިއަކަށް ވެސް މިޙާދިސާގައި އަނިޔާވެ، އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ބިއްލޫރި ޕެލެޓާއެކު ތާށިވި މަޖޫރީ ސަލާމަތްކޮށް، އިތުރު ފަރުވާ އަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އެންމެ ފަހުން ލިބިފައިވާ މަޢުލޫމާތުތަކުން އެނގިފައިވާ ގޮތުގައި މި ހާދިސާގައި ހާނީއްކަވި ދެމީހުންގެ ހާލުވެސް ރަނގަޅެވެ. ހާނީއްކަވި ދެމީހުންގެ ހާލު އެމްޕީއެލްއިން ވަރަށް ގާތުން ބަލަމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އަދި މިހާދިސާ ތަހުގީގްކޮށް، މި ފަދަ ކަމެއް ތަކުރާރުވެނުދިއުމަށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ. މާލޭ ވިޔަފާރި ބަނދަރަކީ ނުރައްކާތެރި މަސައްކަތްތަކެއް ކުރާ ތަނަކަށްވާތީ، ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހަރަކާތްތެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކުންފުނިން ބޮޑު އަހައްމިއްޔަތެއް ދެއްވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.