ޚަބަރު

އެމްއެމްއައިގެ ކޯސްތަކުން 54 ދަރިވަރަކު ދަސްވެނިވެއްޖެ


ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ހިންގުނު އެކި ކޯސްތަކުން 54 ދަރިވަރަކު ދަސްވެނިވެއްޖެއެވެ. ވޭތުވެދިޔަ 2 އަހަރު އެމްއެމްއައި އިންވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެޕްރޫވްކޮށްފައިވާ ސެޓްފިކެޓް ލެވެލްގެ 4 ކޯހެއް ކުރިއަށްގެންގޮސްފައެވެ. މީގެ ތެރޭގައި ޓީވީ ޕްރެޒެންޓިންއިން ސެޓިފިކެޓް ލެވެލް 1ގެ ކޯހަކާއި ސެޓްފިކެޓް 3ގެ ނޫސްވެރިކަމުގެ ކޯހަކާއި ސެޓްފިކެޓް ލެވެލް 3 ގެ ކެޓެގަރީގައި ހިމެނޭ ބްރޯޑްކާސްޓިންގ މެނޭޖްމަންޓް ދާއިރާގެ ކޯހަކާއި ސެޓްފިކެޓް ލެވެލް 3 ގެ ލޭޑީސް ޑްރެސްމޭކިންގެ ކޯހެއްވެސް ހިމެނެއެވެ.

މިރަސްމިއްޔާތުގައި ކޮންމެ ކޯހަކުންވެސް އެއްވަނައަށް ދިޔަ ބައިވެރިންވަނީ ހޮވާފައެވެ. އެގޮތުން ޓީވީ ޕްރެޒެންޓިންއިން 3 ދަރިވަރަކުވަނީ އެއްވަނަ ޙާސިލުކޮށްފައެވެ. އެއީ އާމިނަތު ހަބީބާއާއި ހަސަން މުޚުތާރާއި ފާތުމަތު ނަހުޝާންއެވެ. ނޫސްވެރިކަމުގެ ކޯހުން އެއްވަނަ ހޯދާފައިވަނީ އާދަމް ޝާއިއުއެވެ. ބްރޯޑްކާސްޓް މެނޭޖްމަންޓުން އެއްވަނަ ހޯދާފައިވަނީ ނަސްރުﷲ އިދުރީސްއެވެ. އަދި ލޭޑިސް ޑްރެސް މޭކިންގ އިން އެއްވަނައަށް ދިޔައީ ފާތުމަތް ފަޒްލާއެވެ.

މިރަސްމިއްޔާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަޙީދާ ވިދާޅުވީ މިޑީއާގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށް އެމްއެމްއައި އިން ކުރަމުންދަނީ ފާހަގަކުރެވޭ މަސައްކަތެއްކަމަށެވެ. އެގޮތުން ނިމިދިޔަ އަހަރު ކޯވިޑް-19ގެ ޙާލަތުގައިވެސް އޮންލައިންކޮށް ވޯކްޝޮޕްތައް ކުރިއަށްގެންގޮސްފައިވާއިރު ނިއުނޯމަލްގެ ޙާލަތަށް ދިޔުމާއެކު ކޯސްތައް އަލުން ކުރިއަށް ގެންދިޔުމުގައި އެމްއެމްއައިއިން ކުރި މަސައްކަތް މަރިޔަމް ވަޙީދާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި މީޑިއާގެ ދާއިރާގެ އުފެއްދުންތެރިކަން ކުރިއަރުވައި މަސައްކަތުގެ ކޮލިޓީ ޒަމާނީ ފެންވަރަށް ގެނައުމުގައިވެސް އެމްއެމްއައިގެ ދައުރު ބޮޑުކަން މަރިޔަމް ވަޙީދާ ފާހަގަކުރެއްވިއެވެ.

"މިއަދު ދަސްވެނިވި ދާއިރާތަކުގެ ތެރޭގައި ވަރަށް ޚާއްސަ ދާއިރާއެއް އެބަ ހިމެނޭ. އެއީ ރާއްޖޭގައި އަދި ނެތް ދާއިރާއެކޭ ދެންނެވިދާނެ. ބްރޯޑްކާސްޓް މެނޭޖްމަންޓްގެ ދާއިރާއިން މީހުން ބިނާކުރެވިގެން އެމްއެމްއައިގެ ދަށުން ދިޔުމަކީ ވަރަށް ބޮޑު ކުރިއެރުމެއް. މިއީ މުޅި މީޑިއާއަށްވެސް ލިބިގެންދިޔަ ކުރިއެރުމެއް." މަރިޔަމް ވަޙީދާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އެމްއެމްއައިގެ ވެބްސައިޓުވެސް ވަނީ ރަސްމީކޮށް ލޯންޗުކޮށްފައެވެ. ވެބްސައިޓު ލޯންޗުކޮށްދެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަޙީދާއެވެ.

މިރަސްމިއްޔާތުގައިވަނީ ޑްރެސް މޭކިންގ ކޯހުގައި ބައިވެރިން ފަރުމާކުރި ހެދުންތައްވެސް ދައްކާލާފައެވެ. އަދި އެމްއެމްއައިއިން ލަވަކިޔަން ދަސްކޮށްދިނުމަށް ކުރިއަށްގެންދިޔަ ވޯކްޝޮޕްގައި ބައިވެރިވި ދަރިވަރުންގެ ހުށައެޅުމެއްވެސްވަނީ ދައްކާލާފައެވެ.