ޚަބަރު

މަޖިލީހުގެ ޚާއްސަ ޖަލްސާއެއް އަންނަ ބުދަދުވަހަށް އެޖެންޑާކޮށްފި


ދައުރުން ބޭރުގައި ބާއްވާ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް އަންނަ ބުދަދުވަހަށް އެޖެންޑާކޮށްފިއެވެ.

މިޖަލްސާ އެޖެންޑާކޮށްފައިވަނީ ބުދަދުވަހުގެރޭ 8:30 އަށެވެ.

މިޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ ޚާއްސަ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލެވެ.

މިއިސްލާހަކީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވޭނެ ގޮތަށް ޤާނޫނަށް ހުށަހަޅުއްވާފައިވާ އިޞްލާޙެކެވެ. ޢަލީ ނިޔާޒު ވިދާޅުވީ މި އިޞްލާޙަކީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާނުލައި، އިންތިޚާބު ބޭއްވޭނެ ގޮތް މަގުފަހި ކުރުމަށް ހުށަހަޅާފައިވާ އިޞްލާޙެއްކަމަށެވެ.

މިދިޔަ އަހަރުގެ އޭޕްރީލްމަހު ބާއްވަން ހަމަޖެހުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކޯވިޑް-19އާ ގުޅިގެން ބޭއްވޭގޮތް ނުވުމުން ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނެއް އެކުލަވާލިއިރު، އެޤާނޫނުގެ ދަށުން މިހާރު މިއޮތް ޙާލަތުގައި އިންތިޚާބު ބޭއްވުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

އިލެކްޝަން ކޮމިޝަނުން ކުރިން ކަނޑައެޅި ތާރީޚުގައި އިންތިޚާބު ނުބޭއްވޭނެކަން ކަށަވަރުވުމާއެކު މިހާރު ވަނީ އައު ތާރީޚެއް ކަނޑައަޅައި އެ ތާރީޚުގައި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔަރީތައް ފަށާފައެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ފެބްރުވަރީމަހުގެ ކުރިން ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިޞްލާޙު ގެނެވިއްޖެނަމަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު އިންތިޚާބު ބޭއްވޭނެކަމަށެވެ. އަދި އެދުވަހަށް އިންތިޚާބު ވަނީ ތާވަލުވެސްކޮށްފައެވެ.