ސިޔާސީ

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭނެ ގޮތަށް ޤާނޫނަށް އިޞްލާޙު ހުށަހަޅުއްވައިފި


ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވޭނެ ގޮތަށް ޤާނޫނަށް އިޞްލާޙު ހުށަހަޅުއްވައިފިއެވެ.

މިއިސްލާހު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒުއެވެ.

ޢަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އިޞްލާޙަކީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާނުލައި، އިންތިޚާބު ބޭއްވޭނެ ގޮތް މަގުފަހި ކުރުމަށް ހުށަހަޅާފައިވާ އިޞްލާޙެއްކަމަށެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ހަމަޖެހުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކޯވިޑް-19އާ ގުޅިގެން ބޭއްވޭގޮތް ނުވުމުން ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނެއް އެކުލަވާލިއެވެ. އެޤާނޫނުގެ ދަށުން މިހާރު މިއޮތް ޙާލަތުގައި އިންތިޚާބު ބޭއްވުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

އިލެކްޝަން ކޮމިޝަނުން ކުރިން ކަނޑައެޅި ތާރީޚުގައި އިންތިޚާބު ނުބޭއްވޭނެކަން ކަށަވަރުވުމާއެކު މިހާރު ވަނީ އައު ތާރީޚެއް ކަނޑައަޅައި އެ ތާރީޚުގައި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔަރީތައް ފަށާފައެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ފެބްރުވަރީ މަހުގެ ކުރިން ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިޞްލާޙު ގެނެވިއްޖެނަމަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު އިންތިޚާބު ބޭއްވޭނެކަމަށް ވިދާޅުވެފައެވެ. އަދި އެދުވަހަށް އިންތިޚާބު ވަނީ ތާވަލުވެސްކޮށްފައެވެ.