ކުޅިވަރު

ސެމްޑޯރިއާއާއި އިންޓަރމިލާން މެޗް ސެމްޑޯރިއާ ކާމިޔާބުކޮށްފި


އިޓާލިއަން ސެރީއާގައި ސެމްޑޯރިއާ އާއި އިންޓަރ މިލާން ބައްދަލުކުރިމެޗް ސެމްޑޯރިއާ ކާމިޔާބުކޮށްފިއެވެ.

ސެމްޑޯރިއާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އިންޓަރއިން ލޯނު އެއްބަސްވުމެއްގެ ދަށުން މިސީޒަންގައި ސެމްޑޯރިއާއަށް ކުޅެމުންދާ އެންޓޯނިއޯ ކަންޑްރޭވާއެވެ. މިމެޗްގައި ސަމްޑޯރިއާގެ ދެވަނަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހާދިނީ ކެއިޓާ ބާލްޑަރއެވެ.

މިމެޗްގައި އިންޓަރއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ޖަހާދިނީ ސްޓެފަން ޑި ވްރެއިއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އިންޓަރއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް އެލްކްސިސް ސަންޗޭޒް ޖެހި ޕެނަލްޓީ ކާމިޔާބުވާ ގޮތެއް ނުވިއެވެ.

މިނާކާމިޔާބީއާއެކު ތާވަލްގެ އެއްވަނައަށް އެރުމަށް އިންޓަރއަށް ލިބުނު ފުރުސަތު މިހަފްތާގައި މިވަނީ ބޭކާރުވެފައެވެ. އިންޓަރ މިހާރު އޮތީ ކުޅުނު 16 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި މިކާމިޔާބީއާއެކު ސެމްޑޯރިއާ އޮތީ 16 މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.

މި މުބާރާތުަގައި ޕޮއިންޓް ތާވަލްގެ ތިންވަނައިގާ އޮތް ރޯމާ ވަނީ އެޓީމް ކުޅުނު މެޗް ކާމިޔާބުކޮށް، އިންޓަރއާ ތިން ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. ރޯމާ މިމެޗް ކާމިޔާބުކުރީ ރަށުން ބޭރުގައި ކްރޮޓޯނޭ އާ ބައްދަލުކޮށް 3 ލަނޑު 1 ލަނޑުންނެވެ.