ޚަބަރު

ވަޒީފާގެ ޤާނޫނަށް ގެނައި އިސްލާޙުތަކާއެކު މުވައްޒަފުންގެ ހައްޤުތައް ރައްކާތެރިކުރުމަށް އިތުރު ބާރެއް


ވަޒީފާގެ މާޙައުލުން ދިމާވާ މައްސަލަތަކުގެ ތެރޭގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާއި ދެމެދު ހިނގާ ވަރަށް ގިނަ ހިތްހަމަނުޖެހުންތަކެއް ހިމެނެއެވެ. ވަޒީފާ ދޭ ފަރާތުން ބޭނުންވާ ކަންކަން ވަޒީފާ އަދާކުރާ ފަރާތުން ފުރިހަމަ ނުކުރާ ވާހަކައާއި، ވަޒީފާ އަދާކުރާ ފަރާތަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ވަޒީފާދޭ ފަރާތުން ރަނގަޅަށް ނުދޭ ވާހަކައަކީ ވަރަށް ގިނައިން އިވޭ އަޑުތަކެކެވެ. އަދި ވަޒީފާ އަދާކުރާ ފަރާތުގެ ހައްޤު ހޯދުމަށް ވަރަށް ގިނަ ދަތިތަކަކާ ކުރިމަތި ލާންޖެހޭ ވާހަކަވެސް މިއީ އަބަދުމެ އިވޭ ވާހަކަތަކެކެވެ.

މިފަދަ މައްސަލަތަކަކަށް ހައްލު ހޯދައި ދިނުމަށް ހަދާފައިވާ ޤާނޫނަކީ ވަޒީފާއާބެހޭ ޤާނޫނެވެ. މި ޤާނޫނަށް އެންމެ ފަހުން ސަރުކާރުން ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން ވަޒީފާއާބެހޭ އެއްބަސްވުމެއް ވަޒީފާދޭ ފަރާތުން، ވަޒީފާ އަދާކުރާ ފަރާތާއިއެކު އެކުލަވާލައި، ދެފަރާތުން ސޮއިކޮށް އެއްބަސްވުމުގެ ކޮޕީއެއް މުވައްޒަފާއި ޙަވާލުކުރަންޖެހޭނެއެވެ. މިއީ ވަޒީފާގެ މާޙައުލުން ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް ގެނެސްފައިވާ އިސްލާހެކެވެ. އަދި މި ޤާނޫނުގައި ނިންމާފައިވާގޮތުން ވަޒީފާގެ އެއްބަސްވުމުގެ ކޮޕީ ހަވާލުނުކޮށްހުރި ފަރާތްތަކުން ޤާނޫނަށް ޢަމަލުކުރަން ފަށާތާ، 3 މަސްދުވަހުގެ ތެރޭގައި ޙަވާލުކޮށް ނިންމަން ވާނެއެވެ.

ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ވަޒީފާގެ އެއްބަސްވުމުގައި ފުރިހަމަ ކުރަންޖެހޭ މައުލޫމާތުތައްވެސް ވަނީ ކަނޑައަޅާފައެވެ.އެގޮތުން ވަޒީފާ އަދާކުރާ ފަރާތުގެ މައުލޫމާއި، ވަޒީފާއަކީ ދާއިމީ ނުވަތަ ވަގުތީ ވަޒީފާއެއްތޯއާއި، ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީޚާއި، ލިބޭ އިނާޔަތާއި އުޖޫރަވެސް ހިމަނަންޖެހެއެވެ. އަދި މީގެ އިތުރުން އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބުކުރެވޭ ގޮތާއި، އުޖޫރަ ދިނުމަށް ކަނޑައަޅާ ދުވަހުގެ އިތުރުން ޗުއްޓީ ދެވޭ ދުވަސްތަކާއި ވަޒީފާ އަދާކުރާ ފަރާތުގެ އަޚްލާޤާއި ވަޒީފާއިން ވަކިކުރުމުގެ މަރުހަލާ ދާގޮތްވެސް ބަޔާން ކުރަންޖެހެއެވެ. މި މައުލޫމާތުތައް ބަޔާންކޮށްފައިވާ ލިޔުމެއް އޮތުމުގެ ސަބަބުން ވަޒީފާ އަދާކުރާ ފަރާތަށް އެފަރާތެއްގެ ޙައްޤުތައް ރައްކާތެރިކުރެވިފައިވާކަން ކަށަވަރުކުރެވެއެވެ.

ސަރުކާރުގެ ވަޒީފާއެއް ނުވަތަ އަމިއްލަ ކުންފުންޏެއްގެ ވަޒީފާއެއްނަމަވެސް ޕްރޮބޭޝަން ނުވަތަ ވަގުތީ މުވައްޒަފެއްގެ ގޮތުގައި ހުންނަ މުއްދަތަކީ އާއްމުގޮތެއްގައި 3 މަސްދުވަހެއެވެ. ވަޒީފާގެ ޤާނޫނުގައި ކުރިން ކަނޑައަޅާފައިވާ ގޮތުން މި މުއްދަތު 6 މަހަށްވުރެ ގިނަ ނުވާ ގޮތަށް ކަނޑައެޅިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް ވަޒީފާގެ ޤާނޫނަށް އަލަށް ގެނައި އިސްލާޙުގެ ސަބަބުން މި މުއްދަތުގެ ގޮތުގައި މިހާރު ކަނޑައެޅޭނީ 3 މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތެކެވެ. އަދި ވަގުތީ ގޮތުން ވަޒީފާގައި ހުންނަ މިމުއްދަތުގައި އެއްވެސް ނޯޓިސްއެއް ދިނުމަކާއި ނުލާ ވަޒީފާ ދޭފަރާތަށްވެސް ނުވަތަ ވަޒީފާ އަދާކުރާ ފަރާތަށްވެސް މި އެއްބަސްވުން ބާތިލުކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

ވަޒީފާގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުން ވަޒީފާ އަދާކުރާ ފަރާތާއި ހަވާލުނުކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާއިރު ވިޔަފާރީގެ ކުޑަބޮޑުމިނަށް ބަލައި، ދެހާސް ރުފިޔާއާއި ވިހިހާސް ރުފިޔާއާއި ދެމެދުގެ އަދަދަކުން ވަޒީފާދޭ ފަރާތް ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. ވަޒީފާގެ ޤާނޫނަށް ގެނައި މި ބަދަލަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުކަމަށްވުމާއެކު ވަޒީފާގެ އެއްބަސްވުން ހަވާލުނުކޮށްހުރި ފަރާތްތަކަށް އެކަން ކުރުމަށް 3 މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެހެންކަމުން ފިޔަވަޅު އަޅަން ފަށާނީ މިއަހަރުގެ އޭޕްރިލް މަހުން ފެށިގެންނެވެ.

މީގެ އިތުރުން ވަޒީފާގެ ޤާނޫނަށް ގެނައި އިސްލާޙުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ނަގާ ސަރވިސް ޗާޖުގެ ފައިސާ، އެތަނެއްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މި ފައިސާ ހަވާލުކުރަންޖެހޭ މުއްދަތުވެސް ވަނީ ކަނޑައަޅާފައެވެ. އެއީ ފާއިތުވި މަހު ލިބުނު ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިންނެވެ.

ސަރވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާއިން ވަޒީފާދޭ ފަރާތަށް އިދާރީ ފީގެ ގޮތުގައި ނެގުމަށް ހުއްދަ ކުރަނީ 1 އިންސައްތައެވެ. އަދި އެއަށްވުރެ އުތުރު އަދަދެއް ނުނެގޭނެކަމަށް މި އިސްލާޙުގައި ވަނީ ބަޔާންކޮށްފައެވެ. ވަޒީފާގެ ޤާނޫނަށް ގެނައި އިސްލާޙުތަކާއެކު ފަތުރުވެރިކަމުގެ ދާއިރާގައި ހިންގާ ވިޔަފާރިތައް ފިޔަވައި އެހެން ފަރާތްތަކަށްވެސް ސަރވިސް ޗާޖު ނެގުމުގެ އިޚްތިޔާރުވަނީ ދީފައެވެ.