ޚަބަރު

ދެކުނުގެ ބައެއް ރަށްތަކަށް އުދަ އަރާފާނެ


ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނު ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާތީ ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

އެ އިދާރާއިން ވިދާޅުވީ މިރޭގެ އިރިޮއއްސުމާއި ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ އާއްމުގޮތެއްގައި މަޑުން އިރު އުތުރާއި އިރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރިމިނެއްގައެވެ. ވިލާގަނޑުގައި 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ކަނޑުތަކަށް ބަލާއިރު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވާނެއެވެ. އަދި ވިލާގަމޑުގައި ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރައްވައެވެ.

ރާޅުގެ އުސްމިން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ހުންނާނީ 2 ފޫޓައި 5 ފޫޓާއި ދެމެދުގައިކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.