ޚަބަރު

ކުރީގެ ފަނޑިޔާރު އަލްއުސްތާޛް މުޖުތާޛު ފަހްމީ އަވަހާރަވެއްޖެ


ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛް މުޖުތާޛު ފަހްމީ އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ ކޯވިޑް-19އަށް ޕޮޒިޓިވްވެ ހާލުކޮޅު ދެރަވުމާއި ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ރޭ މެންދަމު 2:00 އެހައިކަންހާއިރުއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މުޖުތާޒް ފަހުމީގެ ބޭފުޅަކު ވިދާޅުވީ މުޖުތާޛު ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ ލ.އަތޮޅަށް ޗުއްޓީއަކަށް ވަޑައިގެންނެވުމަށްޓަކައި އެއަތޮޅުގެ ރަށެއްގައި ހޯމްކަރަންޓީންގައި ހުންނަވަނިކޮށް ރޯގާގެ އަލާމަތްތަކެއް ފާހަގަވެގެން ޓެސްޓުކުރެއްވުމުންކަމަށެވެ.

އަދި އެއަށްފަހު ހައްދުންމަތީ ގަމުގައި ހުންނަ މެޑިކަލް ފެސިލިޓީއަށް ބަދަލުކުރިކަމަށާއި، އޭގެ ފަހުން ނޭވާލާން ދަތިފުޅުވުމުންނާއި، ހައިރިސްކް މީހަކު ކެޓަގަރީގައި ހިމެނޭތީ މާލެ އަށް ބަދަލުކުރެއްވީކަމަށެވެ. އެއަށްފަހު ދަރުމަވަންތަ ހޮސްޕިޓަލުގައި މުޖުތާޛު ފަހްމީއަށް ފަރުވާދިންކަމަށެވެ.

އަލްއުސްތާޛު މުޖުތާޛު ފަހްމީ ވަނީ ޝަރުޢީ ދާއިރާގައި އެންމެ ގިނަ ދުވަހު ފަނޑިޔާރެއްގެ ގޮތުގައި ޚިދުމަތް ކުރެއްވި އެއް ބޭފުޅާއެވެ. އެގޮތުން މުޖުތާޛު ފަހްމީއަކީ 2008 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހު ފުރަތަމަފަހަރަށް ރާއްޖޭގެ ސުޕްރީމް ކޯޓު ޤާއިމުކުރެވުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ޢައްޔަންކުރެވުނު ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އޮނަރަބަލް އަލްއުސްތާޛް މުޖުތާޛު ފަހްމީ ވަނީ 18 ސެޕްޓެންބަރު 2008 އިން 10 އޮގަސްޓު 2010 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވުމަށްފަހު މިހާރު ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވާފައެވެ.