ވިޔަފާރި

އައިލެންޑް އޭވިއޭޝަންގެ އެމްޑީއަކަށް މިހާދު


ޤައުމީ އެއަރލައިން "މޯލްޑިވިއަން" ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މެނޭޖިން ޑިރެކްޓަރަކަށް މުޙައްމަދު މިހާދު އައްޔަންކުރައްވައިފިއެވެ.

އައިލެންޑް އޭވިއޭޝަންގެ އެމްޑީކަމުގެ މަޤާމުގައި މިހާތަނަށް ހުންނެވީ މުޙައްމަދު ރިޒްވީއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޒްވީވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރައްވާފައެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި މުޙައްމަދު މިހާދު މިހާތަނަށް ހުންނެވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ( އެމްއޭސީއެލް ) ގެ ބޯޑް މެންބަރެއްގެ ގޮތުގައެވެ. މުޙައްމަދު މިހާދު ވަނީ މީގެކުރިންވެސް ސަރުކާރުގެ މަތީ މަޤާމްތައް ފުރުއްވާފައެވެ.

މިހާދު ވަނީ އޮސްޓްރޭލިއާގެ އިޑިތު ކޮވެން ޔުނިވަރސިޓީއިން އިންޓަނޭޝަނަލް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި ފިނޭންސް މިނިސްޓްރީގައި 15 އަހަރަށްވުރެ ގިނަ ދުވަހުވަނީ ހިދުމަތް ކުރައްވާފައެވެ.

މިހާދު ވަނީ ކުރީގެ ރައީސް މ،ައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރ ޖެެނެރަކްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިހާދު ވަނީ މޯލްޑިވްސް ޓްއަރިޒަމް ޑިވޮލޮޕްމެޓް ކޯޕަރޭޝަން ( އެމްޓީޑީސީގެ ) މެނޭޖިން ޑިރެކްޓަރުގެ މަޤާމާއި ސީއީއީގެ މަޤާމުވެސް ފުރުއްވާފައެވެ.