ޚަބަރު

ވާނުވާ ބަންދުގެ މައްސަލައަށް މިއަހަރު ފާހަގަކުރެވޭފަދަ އިސްލާހީ ބަދަލެއް އަންނާނެ: ޕީޖީ


ވާނުވާ ބަންދުގެ މައްސަލައަށް މިއަހަރު ފާހަގަކުރެވޭފަދަ އިޞްލާޙީ ބަދަލެއް މިއަހަރު ތެރޭގައި އަންނާނެކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް މިހެން ވިދާޅުވީ، ވަނުވާ ބަންދު ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ މީހުންގެ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ރިޕޯޓެއްގައެވެ.

ރައްޔިތުންގެ މަޖިލީހަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހަޅާފައިވާ ރިޕޯޓުގައިވާގޮތުން ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި އެވްރެޖްކޮށް މަހަކު 16 މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުތަކުން ވަނީ އަމުރުކޮށްފައެވެ.

ޕީޖީ އޮފީހުގެ ރިޕޯޓުގައިވާ ގޮތުން، ރިޕޯޓް ތައްޔާރުކުރެވުނު މުއްދަތުގައި ޖުމްލަ 327 މީހަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްގައި އެބަތިއްބެވެ. އޭގެ ތެރެއިން 29 މީހުންނަކީ ރިމާންޑް ޖަލުތަކުގެ ޖާގައިގެ ދަތުކަމާހެދި ރިމާންޑް ޖަލަކަށް ބަދަލު ނުކުރެވި ތިބި މީހުންނެވެ. ރިމާންޑް ޖަލަށް ބަދަލުނުކުރެވި ތިބި މީހުންގެ ތެރޭގައި ބަންދުގައި ތިބޭތާ 100 ދުވަސް ވެފައިވާ މީހުންވެސް އެބަތިބިކަމަށް ރިޕޯޓުގައިވެއެވެ.

ރިމާންޑް މަރުކަޒުތަކަށް ބަލާއިރު، މާލޭގައި ޖަލުގައި 149 މީހުން، މާފުށި ޖަލުގައި 134 މީހުން، ހުޅުމާލެ ޖަލުގައި 14 މީހުން އަދި އައްސޭރި ޖަލުގައި ބަހައްޓާފައި ހުރި ކުޑަކުއްޖަކު ހިމެނެއެވެ. މީގެއިތުރުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ބަންދު ރިވިއުކުރުމަށްފަހު 39 މީހަކު ޝަރުތާއެކު ދޫކޮށްލަން، އަދި 3 މީހުން ޑީޕޯޓްކޮށްލުމަށް ޕީޖީ އޮފީހުން ނިންމާފައިވެއެވެ.

ޕީޖީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެދުމުގައި، ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގެ ދައުރެއް ނޯވެއެވެ. އަދި އެނިންމުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ނިންމެވުމެކެވެ. ނަމަވެސް މައްސަލައިގައި ދައުވާއެއް ކުރުމަށްފަހު، އެމައްސަލައިގައި ބަންދާބެހޭގޮތުން ވާހަކަދައްކާ ޝަރީޢަތުގެ އަޑުއެހުންތަކުގައި ޕީޖީ އޮފީހުގެ ވަކީލުން ބައިވެރިވާނެއެވެ. އަދި ޝަރީޢަތް ފެށުމަށްފަހު މީހުން ބަންދުގައި ބަހައްޓަން ނުވަތަ ދަމަހައްޓަން ނިންމާ ނިންމުން ބިނާކުރާ މިންގަނޑަކީ ޕީޖީ އޮފީހުން އަބަދުވެސް މުރާޖަޢާކުރާ މިންގަނޑެއްކަމަށް މިރިޕޯޓުގައިވެއެވެ. އޭގެ ބޭނުމަކީ ބަންދުގައި ތިބެނީ ކޮންމެހެން ބަންދުގައި ތިބެންޖެހޭ މީހުންކަން ކަށަވަރުކުރުންކަމަށް މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓުގައި ޕީޖީ އޮފީހުން ބުނެފައިވެއެވެ. އަދި އެއުސޫލުގެ ދަށުން ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި، މިންގަނޑު މުރާޖަޢާކުރުމަށްފަހު ބައެއް މީހުން ޝަރުތުތަކާއެކު ދޫކޮށްލާފައިވާކަންވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ޕީޖީގެ ރިޕޯޓުގައި ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގައި ދިމާވެފައިވާ ޤާނޫނީ އަދި ޢަމަލީ ދަތިތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި ދެ އިޞްލާޙުން އެދެވޭ ނަތީޖާތަކެއް ހާސިލުކުރެވުމުންދާކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި، ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން ބަންދުގައި ބައިތިއްބާ މީހުންގެ މައްސަލަތަކަށް ފާހަގަކުރެވޭފަދަ އިޞްލާޙީ ބަދަލެއް އަންނާނެކަމަށް މިރިޕޯޓުގައި ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވެފައިވެއެވެ. އަދި އެމަސައްކަތް ކާމިޔާބު ކުރެވޭނީ، މިކަމުގައި ސާބިތުވެ ތިބެގެން، ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލައި، މައްސަލަތައް ޙައްލުކޮށް، ކަމާބެހޭ ހުރިހާ މުއައްސަސާއެއް އެއްކޮށް މަސައްކަތް ކުރެވިގެންކަމަށްވެސް ޕީޖީ ވިދާޅުވެފައިވެއެވެ.