ކަރަބާއޮ ކަޕްގެ ފައިނަލުން ޓޮޓްނަމް ހޮޓްސްޕަރ ޖާގަހޯދައިފިއެވެ.
އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސް ވާދަކުރަމުންދާ ޓޮޓްނަމުން މިމުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގައި ޗެމްޕިއަންޝިޕްގެ ބްރެންޓްފަޑް އާ ރޭ ބައްދަލުކުރިމެޗް 2 ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްގެންނެވެ.
މިމެޗްގެ ފުރަތަަމަ ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި ޓޮޓްނަމަށް ކާމިޔާބުކޮށްދިނީ ސަރޖިއޯ ރެގުއިލޮން ނަގައިދިން ހުރަހަކުން އެޓީމަށް ކުޅޭ ފަރަންސޭސިވިލާތުގެ މުސާ ސިސޯކޯއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހައިދިނީ ދެކުނު ކޮރެއާގެ ހުނަރުވެރި ފޯވަޑް ސޮން ހިއުންގ މިން އެވެ. ސެމީ ފައިނަލަށް ދަތުރުކުރުމުގައި އިންގްލިޝް ޕްރިމިއަރ ލީގަށް ނިސްބަތްވާ 4 ޓީމެއް ބަލިކޮށްފައިވާ ބްރެންޓްފަޑްއިންވެސް މިމެޗްގައި ވާދަވެރި ކުޅުމެއް ދައްކާފައިވެއެވެ.
2008 ވަނަ އަހަރަށްފަހު ޓޮޓްނަމަށް މިހާތަނަށް އެެއްވެސް މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެފަހަރުގެ ލީގުކަޕް ތަށި ޓޮޓްނަމް އުފުލާލީ ފައިނަލްގައި ޗެލްސީ ބަލިކުރުމަށްފަހުއެވެ. މިކާމިޔާބީއާއެކު ޓޮޓްނަމްގެ ތަޖުރިބާކާރު ކޯޗް މޮރީނިއޯވަނީ ތަފާތު ތިން ކްލަބަކާއެކު މިމުބާރާތުގެ ފައިނަލުން ޖާގަހޯދި ތިންވަނަ ކޯޗަށް ވެފައެވެ. މީގެކުރިން ޗެލްސީއާއި މެންޗެސްޓަރގެ ކޯޗުގެ ގޮތުގައި މިމުބާރާތުގެ ތަށި އޭނާ ވަނީ ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން މޮރީނިއޯ ހާމަކުރިގޮތުގައި މިފަދަ ކަޕް މުބާރާތް ތައް ކާމިޔާބުކުރުމުގެ ފަހަތުގައިވާ ސިއްރަކީ މުބާރާތް ސީރިއަސް ކޮށް ނެގުން ކަމަށެވެ. މޮރީނިއޯވަނީ އޭނާ މީގެކުރިން ކޯޗުކޮށްދިން ދެ ކްލަބްގެ ފުރަތަމަ އަހަރު އެންމެ ފުރަތަމަ ހޯދި ތައްޓަކަށް ލީގު ކަޕްގެ ތަށި ވެފައެވެ. އަދި މިގޮތުން ޓޮޓްނަމްގެ ފުރަތަމަ ސީޒަންގައިވެސް އެޓީމަށް ހޯދާދޭ ފުރަތަމަ ތައްޓަކަށް ލީގު ކަޕްގެ ތަށި ހެދުން އެއީ އޭނާ އެންމެ ބޭނުންވާ ގޮތެވެ.
މިމުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުވެގެންދާނީ މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ މިރޭ ބައްދަލު ކުރާ މެޗުންނެވެ. މެންޗެސްޓަރ ސިޓީއަކީ މިމުބާރާތުގެ ވޭތުވެދިޔަ ތިން އަހަރުގެވެސް ޗެމްޕިއަން ޓީމެވެ.