އައްޑޫ ފްލައިން ސްކޫލާއި ގުޅޭގޮތުން ހުށައެޅިފައިވާ ގަނާ ކުރުމާއި ފުރައްސާރަކުރުމާ ގުޅޭ މައްސަލަތަކެއް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ބަލަން ފަށައިފިއެވެ. އެސްކޫލާ ގުޅޭ ގިނަ މައްސަލަތަކެއް ވޭތުވެ ދިޔަ ދުވަސްތަކުގައިވަނީ ފެންމަތިވެފައެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ މި މައްސަލަތަކަކީ އައްޑޫގައި ހިންގަމުން އަންނަ އޭޝިއަން އެކަޑަމިކް އޮފް އެރޮނޮޓިކްސްއާ ގުޅޭގޮތުން އެސްކޫލުގައި ކިޔަވާ ދަރިވަރުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށައަޅާފައިވާ ސިޓީގައި އެކުދިން ހާމަކޮށްފައިވާ މައްސަލަތަކެއްކަމަށެވެ. އަދި ގަނާ ކުރުމާއި ފުރައްސާރައިގެ މައްސަލަތަކެއް މިސިޓީގައި ހިމެނޭތީ އެކަން ޓްރާންސްޕޯޓް މިނިސްޓްރީން ޖެންޑަރ މިނިސްޓްރީއާ ހިއްސާކޮށްފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުން ސަރުކާރާ ހިއްސާކޮށްފައިވާ މައްސަލަތައް މިހާރުވަނީ ބަލަން ފަށާފައެވެ. އަދި ފްލައިންގ ސްކޫލާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާއި ގުޅޭ ކޮމިޓީންވެސްވަނީ ސްކޫލްގެ ވެރިފަރާތާއި ދަރިވަރުންނާވެސް ބައްދަލުކުރައްވާފައެވެ.
މިމައްސަލާއިގައި ދަރިވަރުންގެ ކިޔެވުމަށް ކުރިމަތިވަމުންދާ މައްސަލަތައް ޙައްލުކުރުމަށް ޤައުމީ ތަރައްޤީއާއި ތަރިކައާއި ގުޅޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ އެކުދިންގެ ކިޔެވުން ރާއްޖެއިން ބޭރުގައި ފުރިހަމަ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންގެންދަވާކަން ހާމަކުރައްވާފައެވެ.
މިމައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާއި ގުޅޭ ކޮމިޓީއަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ޙަސަންއާއި ޓްރާންސްޕޯޓް މިނިސްޓަރ ޢައިޝަތު ނަހުލާވަނީ ހާޒިރުކޮށްފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ނަހުލާ ވަނީ ފުލައިން ސްކޫލުން ފުރައްސާރަކޮށް ތަފާތުކުރުންތައް ގެންގުޅޭކަމުގެ ޝަކުވާ ސިޓީއެއް މެދުވެރިކޮށް މިނިސްޓަރަށް ފޮނުވާފައިވާކަމަށެވެ.
އައްޑޫ ފްލައިން ސްކޫލްގައި މިވަގުތުވެސް 170 އަށްވުރެ ގިނަ ކުދިން ރަޖިސްޓަރކޮށް ކިޔަވަމުން އަންނައިރު މިކުދިންނަށް އެކަށޭނެ ވަޞީލަތް އެތަނުގައި ނެތްކަންވަނީ ހާމަވެފައެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު އެތައް ކަމެއް އެސްކޫލުގެ މެނޭޖްމަންޓުން ހިންގަމުން އަންނަކަންވެސްވަނީ ފެންމަތިވެފައެވެ.