ކޮރޯނާ ވައިރަހާ ހެދި އޭޓީޕީ ކަޕް 2021 ގައި ވާދަކުރާ ޤައުމުތަކުގެ އަދަދު ބާރައަށް ދަށްކޮށްފިއެވެ.
މިއަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ އޭޓީޕީ ކަޕް 2021 ގައި ވާދަކުރާ ޤައުމުތަކުގެ އަދަދު ކޮރޯނާ ވައިރަހާހެދި 12 ޤައުމަށް މަދުކޮށްފިއެވެ. މިދިޔަ އަހަރު އޮސްޓްރޭލިއާގެ ތިން ސިޓީއެއްގައި މުބާރާތް ކުރިއަށް ގެންދިޔަ ކަމުގައި ވީ ނަމަވެސް މިފަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މެލްބަންގައެވެ.
އޭޓީޕީ ރޭންކިންގގައި އެޤައުމަކަށް ނިސްބަތްވާ އެންމެ މަތިން ރޭންކް ކުރެވިފައިވާ ކުޅުންތެރިންގެ ރޭންކަށް ބަލައިގެން ޤައުމުތަށް ކޮލިފައިވާގޮތަށް އޮންނަ މިބާރާތަށް މިއަހަރު ކޮލިފައިވެފައިވާ 12 ޤައުމް ތަމްސީލް ކުރާ ކުޅުންތެރިންނަކީ ރޭންކިންގ ގެ އެއްވަނައިގާ އުޅޭ ސަރބިއާގެ ނޯވަކް ޖިއޯކޮވިޗް، ދެވަނައަށް ރޭންކް ކުރެވިފައިވާ ސްޕެއިންގެ ރަފައަލް ނަދާލް، އޮސްޓްރިއާގެ ޑޮމިނިކް ތިއެމް، ރަޝިޔާގެ ޑެނިލް މެދްވެދޭވް، ގްރީސްގެ ސްތެފަނޯސް ސިޓްސިބާސް، ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒްރެވޭވް، އާޖެންޓީނާގެ ޑިއޭގޯ ޝްވާޓްޒްމަން، އިޓަލީވިލާތުގެ މެޓިއޯ ބެރެއްޓީނީ، ޖަޕާންގެ ކެއި ނިޝިކޯރީ، ކެނެޑާގެ ޑެނިސް ޝަޕޮވަލޯފް އަދި އޮސްޓްރޭލިއާގެ އެލްކްސް ޑި މިނައުއެވެ. މިމުބާރާތުން އޮސްޓްރޭލިއާއަށް ޖާގަދީފައިވަނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާތީ ވައިޅްޑްކާޑް އެންޓްރީއެއްގެ ގޮތުގައެވެ.
މިމުބާރާތުގެ ގުރުއަތުލުން މިމަހުގެ 20 ވަނަ ދުވަހު މެލްބަންގައި އޮންނާނެއެވެ. އަދި 12 ޤައުމު ހަތަރު ގްރޫޕަށް ބަހާލާ، ގްރޫޕްގެ އެއްވަނައަށް އަންނަ ޤައުމު ސެމީފައިނަލަށް ހޮވޭގޮތަށްވަނީ ހަމަޖައްސާފައެވެ. މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ފެބްރުއަރީ މަހުގެ އެކަކުން ފަހެއްގެ ނިޔަލަށެވެ.