ސިޔާސީ

ފެބުރުއަރީގެ ކުރިން އިސްލާހު ގެނެސްފިނަމަ އިންތިޚާބު ބޭއްވޭނެ : ޝަރީފް


ފެބްރުއަރީމަހުގެ ކުރީކޮޅު ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނެވިއްޖެނަމަ ރަމަޟާންމަހުގެ ކުރިން ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުމުގެ ފުރުޞަތު ބޮޑުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޝަރީފް ވިދާޅުވީ، ކައުންސިލް އިންތިޚާބު ވީހާވެސް އަވަހަށް ބޭއްވުމަށްޓަކައި ޤާނޫނީގޮތުން ހުރި ހުރަސްތައް ނައްތާލުމަށް އެޓަރނީ ޖެނެރަލްގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހާއި ގުޅިގެން އެކޮމިޝަނުން މަސައްކަތް ކުރަމުންދާކަމަށެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ޖެހުމުން އެކަމަށް އެކުލަވާލި ޚާއްސަ ޤާނޫނުގައި ބުނެފައިވަނީ އިންތިޚާބާއި ގުޅޭ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދެވޭނީ ކޯވިޑްގެ ހާލަތާއި ގުޅިގެން އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. އިއްޔެގެ ނިޔަލަށް ހަމަވި ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަދުވަހުގެ ނިޔަލަށް އިތުރުކުރުމުން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ތާރީޙު ކަމަށްވާ 6 މާރޗު 2021 ގައި އެ އިންތިޚާބު ނުބޭއްވޭނެކަން މިވަނީ ޔަޤީންވެފައެވެ.

އިލްކެޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެހެން ޤައުމުތަކުގައި އިންތިޚާބުތައް ބޭއްވި ގޮތަށް ރާއްޖޭގައި އިންތިޚާބުތައް ނުބޭއްވި ލަސްވަނީ އެކޮމިޝަނަށް އޮންނަ ބާރު އެހެން ބަޔަކަށް ދީފައި އޮތުމުންކަމަށެވެ. އެހެންކަމުން މިހާރު އިންތިޚާބު ބޭއްވުމާގުޅޭގޮތުން އިތުރު ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހާއި އެޓަރނީ ޖެނެރަލްގެ އޮފީހާވެސް މަޝްވަރާތައް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"އިންތިޚާބު ހަޤީޤަތުގައި ނުބޭއްވިގެން މިއުޅޭ ސަބަބަކީ އިންތިޚާބު ފަސްކުރުމަށް މި އެކުލަވާލި ޤާނޫނުގައި ހުރި ބައެއް މާއްދާތަކެއްގެ ސަބަބުން. އޭގެން އެއް މާއްދާއަކީ ކަނޑައެޅިގެން އެޗް.ޕީ.އޭގެ ފަރާތުން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ނެތްކަމަށް އިޢުލާންކުރަން އެބަޖެހޭ އިންތިޚާބެއް ބާއްވާކަމަށްވަންޏާ. އިންތިޚާބު ބާއްވާނެ ތާރީޚަކާއި، ބާއްވާނެ ދުވަހެއް، އަދި ބާއްވާނެގޮތަކާ ކަނޑައެޅުމަކީ ހަޤީޤަތުގައި އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ބާރެއް. އެކަމަކު އެ ބާރު ހަނިކޮށް، ޕެންޑަމިކް ތެރޭގައި އެ ބާރު ޤާނޫނުން ދޫކޮށްލާފައި މިއޮތީ އެޗް.ޕީ.އޭއަށް" ޝަރީފް ވިދާޅުވިއެވެ.

އިލްކެޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، އެ ކޮމިޝަންގެ މައިގަނޑު ވިސްނުންހުރީ ރަމަޟާންމަހުގެ ކުރިން ލޯކަލް ކައުންސިލު އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުންކަމަށެވެ. ނަމަވެސް އެހެން އެކަން ވާންއޮތީ، ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ގެނެވިގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މަސައްކަތްކުރީ ރަމަޟާންމަހުގެ ކުރިން އިންތިޚާބު ބާއްވާ 2 ވަނަ ބުރެއްވެސް ބޭއްވޭނެ ކަހަލަ ތާވަލެއް ހަދައިގެން. އެހެންވީމަ މިހާރު އެއޮތްގޮތުން އަޅުގަނޑުމެންނަށް ޤާނޫނުގައި އެ ބުނާ ތާރީޚުތައް ވަރަށް ބޮޑަށް ކުރުގަޅުވާލައިގެން ނޫނީ ރަމަޟާންމަހުގެ ކުރިން އެ އިންތިޚާބެއް ނުބޭއްވޭނެ. މިސާލަކަށް ޤާނޫނުގައި އެބަބުނޭ ވޯޓަރސް ރަޖިސްޓްރީ މިހާ ދުވަހެއްގެ ތެރޭގައި އިޢުލާންކުރަން. އެހެންވީމަ އިންތިޚާބާބެހޭ އާއްމު ޤާނޫނުގައި އެބުނާ މުއްދަތުތައް ޖެހޭނީ ކުޑަކޮށް ކުރުގަޅުވާލައިގެން ޤާނޫނަށް ބަދަލުގެނެސްގެން އެކަން ކުރަންޖެހޭނީ. އޭރުން ރަމަޟާންމަހުގެ ކުރިން އިންތިޚާބު ބޭއްވިދާނެ. ނަމަވެސް އެކަން ވާނީ ޤާނޫނަށް އިސްލާޙު ގެނެވޭ ތާރީޚަކުން ފެށިގެން" ޝަރީފް ވިދާޅުވިއެވެ.

ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނެސްގެން ލޯކަލް ކައުންސިލު އިންތިޚާބު ރަމަޟާންމަހުގެ ކުރިން ބޭއްވުމުގެ ފުރުޞަތު އަދިވެސް އެބައޮތްކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުން މުހިއްމުކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ. އަދި އެކަން ކުރުމަށް ޤާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ އެކަންވެސް ކުރުން މުހިއްމުކަމުގައި ދެކެވެޑައިގަންނަވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.


މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 6 ވަނަދުވަހު ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކުރީ ރާއްޖެއިން ކޯވިޑް-19 ފެނުމާއި ގުޅިގެން މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 15 ވަނަދުވަހު މުޅި ރާއްޖެ ފުރަބަންދުކުރުމާއި ގުޅިގެންނެވެ.