ވިޔަފާރި

ޑިސްކައުންޓް ރޭޓާއެކު އޮންލައިންކޮށް ޓިކެޓު ގަތުން 87 އިންސައްތަ އިތުރުވެއްޖެ


މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް އޮންލައިންކޮށް ޓިކެޓު ނެގުމުން ޑިސްކައުންޓް ލިބޭ ގޮތަށް ހަމަޖެއްސުމާއއެކު އޮންލައިންކޮށް ޓިކެޓު ގަންނަ ފަރާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އެ އެއަރލައިނުން ހާމަކޮށްފިއެވެ.

މޯލްޑިވިނިއަންއިން ވަނީ މިދިޔަ މަހުގެތެރޭގައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް އޮންލައިންކޮށް ޓިކެޓު ނަގާ ފަރާތްތަކަށް ޙާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ. އެގޮތުން މޯލްޑިވިއަންގެ ވެބްސައިޓުންނާއި މޯބައިލް އެޕް މެދުވެރިކޮށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޓިކެޓު ނަގާ ފަރާތްތަކަށް 10 އިންސައިގެ ޑިސްކައުންޓެއް ލިބެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ، 10 ދުވަސް ކުރިން ޓިކެޓު ގަންނަން ޖެހެއެވެ.

މި ޕްރޮމޯޝަނާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް ވިދާޅުވީ މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް އޮންލައިންކޮށް ޓިކެޓު ނެގުމުން ޑިސްކައުންޓު ލިބޭ ގޮތަށް ހަމަޖެއްސުމުން، އޮންލައިންކޮށް ޓިކެޓު ނަގާ ފަރާތްތައް ނޮވެމްބަރުމަހާ އަޅާ ބަލާއިރު ޑިސެމްބަރުމަހު 87 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

ޓިކެޓު ގަންނަ ފަރާތްތައް އިތުރުވެފައިވާއިރު، މޯލްޑިވިއަންއިން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާ ދަތުރުތައްވެސް މިހާރު އިތުރުކޮށްފައިވާކަން ވަސީމް ފާހަގަކުރިއެވެ.

ކޯވިޑް19އާ ގުޅިގެން ޤައުމުން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދުތައްވަނީ މަދުވެފައެވެ. މިއާއެކު ރާއްޖޭގެ އެތެރޭގެ އުދުހުންތައް ވަނީ އިތުރުވެފައެވެ. މޯލްޑިވިއަނުއިންވެސް ދަނީ ރާއްޖޭގެ އެތެރޭގެ އެއް އެއަރޕޯޓުން އަނެއް އެއަރޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. މި ދަތުރުތަކަށްވެސް ރަނގަޅު ޑިމާންޑެއް އޮތްކަން މޯލްޑިވިއަންއިން ފާހަގަކުރެއެވެ.