ވިޔަފާރި

މިދިޔަ އަހަރު 253 ޖެޓު މާފަރަށް، އެންމެ ގިނައީ ރަޝިޔާގެ ފަތުރުވެރިން


މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝިޔާއިން ކަމަށް އެ އެއަރޕޯޓުން ހާމަކޮށްފިއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް މި ނިމުނު އަހަރުގެތެރޭ ވަނީ 253 ޕްރައިވެޓު ޖެޓު ޖައްސާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެނޭޖްކުރާ އައިލެންޑު އޭވިއޭޝަންގެ މޯލްޑިވިއަން އެއަރޕޯޓްސްގެ ޖެނެރަލް މެނޭޖަރ މުމްތާޒް އަލީ ވިދާޅުވީ މިދިޔަ އަހަރުތެރޭ އެ އެއަރޕޯޓަށް އެންމެ ގިނަ އަދަދަކަށް ޖައްސާފައިވަނީ ރަޝީޔާގެ ފަތުރުވެރިންނާއެކު އައިސްފައިވާ ޕްރައިވެޓު ޖެޓުތައް ކަމަށެވެ.

ދެވަނައަށް އެންމެ ގިނަ އަދަދަކަށް އެ އެއަރޕޯޓު މެދުވެރިކޮށް ރާއްޖެއަށް އައިސްފައިވަނީ އިންޑިއާ ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ ޖަރުމަންވިލާތުން ރާއްޖެއަށް އައި ފަތުރުވެރިންނެވެ.

2019ވަނަ އަހަރު ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން ޖުލައިމަހު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ 11 ޕްރައިވެޓު ޖެޓެވެ. އޮގަސްޓުމަހު 14 ޕްރައިވެޓު ޖެޓު ޖައްސާފައިވާއިރު، ސެޕްޓެމްބަރުމަހު މާފަރު އެއަރޕޯޓަށް ޖައްސާފައިވަނީ 13 ޕްރައިވެޓު ޖެޓެވެ. އަދި އޮކްޓޯބަރުމަހު 41 ޕްރައިވެޓް ޖެޓު ޖައްސާފައިވާއިރު، ނޮވެމްބަރުމަހު އެ އެއަރޕޯޓަށް 65 ޕްރައިވެޓު ޖެޓު ވަނީ ޖައްސާފައިވެއެވެ. އަހަރު ނިމުނު އިރު އެއަރޕޯޓަށް ޖެއްސި ޕްރައިވެޓު ޖެޓުތަކުގެ އަދަދުވަނީ 100 އަށް ވުރެ މައްޗަށް އަރާފައެވެ. އެގޮތުން ޑިސެމްބަރުމަހު އެ އެއަރޕޯޓަށް ވަނީ 109 ޕްރައިވެޓު ޖެޓު ޖައްސާފައެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން ހާމަކުރާގޮތުގައި މިމަހުގެ ފުރަތަމަ ފަސް ދުވަސްތެރޭވެސް އެއަރޕޯޓަށްވަނީ 30 ޕްރައިވެޓް ޖެޓު ޖައްސާފައެވެ. މުމްތާޒް ވިދާޅުވީ މި އަދަދުތަކަކީ ކުރިން ލަފާކުރި އަދަދުތަކަށްވުރެ އިތުރު އަދަދުތަކެކެވެ.

އައިލެންޑު އޭވިއޭޝަންގެ ވިސްނުން މިހާރު ހުރީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމަށް ކަމަށާއި އެގޮތުން ފިއުލް ފެސިލިޓީއެއް އެ އެއަރޕޯޓުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްއޮތް މަސް ދުވަސްތެރޭ ފަށާނެ ކަމަށް މުމްތާޒް ވިދާޅުވިއެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 200 ހާސް ލީޓަރުގެ ފިއުލް ރައްކާކުރެވޭނެ ޤާބިލްކަން ހުރި ފެސިލިޓީއެކެވެ.

ފިއުލް ފެސިލިޓީއެއްގެ އިތުރުން މިއަހަރުތެރޭ މާފަރު އެއަރޕޯޓުގައި ޕާކިންގ ފެސިލިޓީއެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް މުމްތާޒް ވިދާޅުވިއެވެ. މުމްތާޒް ފާހަގަކުރެއްވިގޮތުގައި އެ އެއަރޕޯޓަށް ދިމާވެފައިވާ އެއްމެ ބޮޑު ގޮންޖެހުމަކީ ޖެޓުތައް ޕާކުކުރުމަށް ހުރި ޖާގައިގެ ދަތިތަން ކަމަށެވެ.

ސަރުކާރުން މާފަރު އެއާޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގައެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 3600 މީޓަރެވެ.