ތަޢުލީމު

ފ. އަތޮޅު ތަޢުލީމީމަރުކަޒުގެ އެންމެމޮޅު ދަރިވަރަކީ ލީނާ


ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2014 ވަނަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ގްރޭޑް ދިހައެއްގެ ދަރިވަރު ލީނާ އަބްދުއްލަތީފް ހޮވިއްޖެއެވެ. ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މިދިޔައަހަރުގެ އެންމެމޮޅު ދަރިވަރަކަށް ލީނާ ހޮވިފައިވާއިރު، އޭނާ ވަނީ ފާއިތުވި އަހަރުގެ އޯލެވެލް ޓޮޕްޓެންގެ ދެވަނައިގައިވެސް ހިމެނިފައެވެ. ފ. ނިލަންދޫގައި ހުންނަ އެއަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި އިނާމް ދިނުމުގެ ޖަލްސާގައި ލީނާއަށް އިނާމް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާނު ނިލަންދޫ ދާއިރާގެ މަޖިލީސް މެމްބަރ ޑރ. އަބްދުﷲ ޚަލީލެވެ.އިނާމުދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޚަލީލް ވިދާޅުވީ ދަރިވަރުން ކިޔެވުމާއި އެއްފަދައިން ޢަމަލީ މަސައްކަތެއް ދަސްކޮށްގެން ކިޔެވުމުގެ ހަޔާތް ނިންމާލުން މުހިންމު ކަމަށެވެ. އެގޮތުން ބެލެނިވެރިންވެސް ދަރިވަރުން ހަމައެކަނި ކިޔެވުމަށް މަޖުބޫރު ނުކުރުވައި، ދިރިއުޅުމުގައި ބޭނުން ހިފޭނެ މަސައްކަތެއް، އެ ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ދަސްކުރުމަށް ބާރުއެޅުމަށް ޚަލީލު ވަނީ އިލްތިމާސް ކޮށްފައެވެ. އިނާމްދިނުމުގެ ޖަލްސާގައި ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަބްދުﷲ އަހުމަދު ވަނީ ނިލަންދެ ސްކޮލަޝިޕްގެ ނަމުގައި، އެ މަރުކަޒުން އޭލެވެލް ހަދަން ބޭނުންވާ ދަރިވަރުންނަށް ހާއްސަ ސްކޮލަޝިޕެއް ތަޢާރަފް ކޮށްދެއްވާފައެވެ. މި ސްކޮލަޝިޕްގެ ފުރުސަތު އޮންނާނީ ތަޢުލީމީ  މަރުކަޒުން އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ޤައުމީ ޓޮޕްޓެންގައި ހިމެނޭ ދަރިވަރުން އެމަރުކަޒުން އޭލެވެލްއަށް ކިޔަވާނަމަ އެދަރިވަރުންނަށް ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. އަދި  ރަށުންބޭރުން މަރުކަޒުގެ އޭލެވެލް ކްލާސްތަކާއި ގުޅޭ ދަރިވަރުންގެ ތެރެއިން އެންމެ ނަތީޖާރަނގަޅު ތިން ދަރިވަރުންނަށްވެސް މި ސްކޮލަޝިޕް ލިބޭނެ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިނާމްދިނުމުގެ ޖަލްސާގައި ވަނީ 2014 ވަނައަހަރާއި 2015 ވަނައަހަރު އެ މަރުކަޒުން މަތީސާނަވީ ނިންމި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރުންނަށްވެސް އިނާމު ދީފައެވެ. އެގޮތުން 2014 ވަނަ އަހަރު މަތީސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ފައުޒީ އަބްދުއްރަހީމެވެ. އަދި 2015 ވަނަ އަހަރު މަތީސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ވަރުދާ އަބްދުއްނާސިރެވެ.ފ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 400 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން ގެންދެއެވެ.