ޚަބަރު

ޕްރޮކިއުމަންޓްގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވުމަށް މިއަހަރު ޙާއްސަ އިސްކަމެއްދޭނަން: އޭސީސީ


ސަރުކާރު މުައްސަސާތަކާއި، ސަރުކާރު ހިއްޞާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް އުޞޫލުތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ހުއްޓުވުމަށް މިއަހަރު ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީން ވިދާޅުވެއްޖެއެވެ.

އޭ.ސީ.ސީއަށް ހުށަހެޅޭ މައްސަލަތަކުގެ ގާތްގަނޑަކަށް 70 އިންސައްތައަކީ ސީދާ ޕްރޮކިއުމަންޓާއި ގުޅުންހުރި މައްސަލަތަކުގެ ގޮތުގައި އެކޮމިޝަނުން ފާހަގަކުރައްވައެވެ.

އޭ.ސީ.ސީގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ސީނިއަރ އެޑިއުކޭޝަން އޮފިސަރ ޢަލީ ޝަމީމް އާދަމް ވިދާޅުވީ، އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޕްރޮކިއުމަންޓާ ގުޅުންހުރި ތަފާތު މައްސަލަތައްކަމުން، ދަޢުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމަކީ އެ ކޮމިޝަނުން ޚާއްސަ އިސްކަމެއްދެއްވާކަމެއްކަމަށެވެ.

ޕްރޮކިއުމަންޓާއި ގުޅުންހުރި މައްސަލަތަކުގެ ގޮތުގައި އެންމެ ބޮޑަށް ފާހަގަވެފައިވަނީ މަޝްރޫޢުތަކާއި މަސައްކަތްތައް އެވޯޑްކުރުމުގައި ކްރައިޓީރިއަރތަކާއި އަގުތައް ކުރިއާލާ ވަކި ބަޔަކަށް ހިއްސާކުރުން ނުވަތަ މަސްލަޙަތު ހިމެނޭ ނުވަތަ ގުޅުން އޮންނަ ބަޔަކާއި އެފަދަ މަސައްކަތްތައް ޙަވާލުކުރުންފަދަ މައްސަލަތައްކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި މާލިއްޔަތު ޤަވާއިދުގައި ކުއްލި ޙާލަތްތަކުގައިވެސް ޢަމަލުކުރަންޖެހޭ ވަކި އުޞޫލުތަކެއް ބަޔާންކޮށްފައިވީނަމަވެސް، އެފަދަ ޙާލަތްތަކުގައިވެސް ނާޖާއިޒު ފައިދާ ނެގުމަށް މަސައްކަތްކުރުންފަދަ ކަންކަން ފާހަގަކުރެވިފައިވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަވި މިނިވަން 50ގެ ތެރެއިން، އެއީވެސް ހަމަ ކުއްލި ހާލަތެއްގައި ހިނގާފައިހުރިކަމެއް. އަދި މިފަހުން ހެލްތް މިނިސްޓްރީގެ މައްސަލައަކީވެސް ހަމަ އެފަދަގޮތަކަށްދިޔަކަމެއް. ކުއްލި ޙާލަތްތަކުގައި ޢަމަލުކުރަންވީގޮތް ކަނޑައެޅިގެން އެބައޮތް ބަޔާންކޮށްފައި. އެހެންނަމަވެސް އެކަން ނާޖާއިޒުގޮތުގައި ކޮށްފައިހުރިކަމަށް އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ. އަދި އެބަހުރި އެފަދަ ޙާލަތްތަކުގައި ސަޕްލަޔަރުވެސް އޭގެ ނާޖާއިޒު ފައިދާ ނަގާކަން ޕްރޮކިއުމަންޓްތަކުގެ ތެރެއިން ފާހަގަވެފައި އެބަހުރި" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ޤާނޫނީ ވަކި ޝަޙުސަކަށްވެފައި، އެފަދަ ކުންފުނިތަކަށް ދަޢުލަތުގެ މާލިއްޔަތު ޤަވާއިދަށް ޢަމަލުކުރަން ޤާނޫނުން ސީދާ ލާޒިމް ނުކުރާކަމަށެވެ. އެހެންކަމުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޢަމަލުކުރަމުންދާނީ އެކުންފުންޏެއްގެ ބޯޑުން އެކުލަވާލާ ޕްރޮކިއުމަންޓް އުޞޫލުންކަމަށާއި، ނަމަވެސް ބައެއް މަޝްރޫޢުތަކާއި ގުޅުވައިގެން ވަރަށް އަވަހަށްވެސް ކުންފުނިތަކުގެ ޕްރޮކިއުމަންޓް އުޞޫލަށް ބަދަލު ގެންނަކަން ފާހަގަކުރެވިފައިވާކަމަށާއި، އެފަދަ ކަންކަމުގެ ސަބަބުންވެސް ކޮރަޕްޝަންގެ ޢަމަލުތަކަށް މަގުފަހިވާކަމަށް ޝަމީވް ވިދާޅުވިއެވެ.

"ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގައި ބަޔާންކޮށްފައި އެބަވޭ ބައެއް މަޝްރޫޢުތައް ދަޢުލަތުގެ ކުންފުނިތަކާ ސިންގަލް-ސޯސްކޮށް ޙަވާލުކުރެވިދާނެއޭ. އެހެން އެކަން ބަޔާންކޮށްފައި އޮތުމުން، އޭގެ ނާޖާއިޒު ފައިދާ ހޯދައިގެން ދައުލަތް ހިއްސާވާ ކުންފުނިތައް، އެބަހުރި އެ މަސައްކަތްތައް ބިޑަކާ ނުލާ އަނެއްކާ އަމިއްލަ ބަޔަކާވެސް ޙަވާލުކޮށްފައި. އެފަދަ ކަންކަމުގެ ތެރެއިންވެސް ކޮރަޕްޝަން ހިންގާފައިވާކަން ފާހަގަކުރެވިފައި އެބަހުރި" ޝަމީމް ވިދާޅުވިއެވެ.

ދަޢުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމަށްޓަކާ ކަމާގުޅުންހުރި ފަރާތްތަކާއެކު ކުރެވޭ މަސައްކަތްތަކުން އެދެވޭ ހެޔޮ ބަދަލުތަކެއްވެސް ފެންނަން ފަށާފައިވާކަން އޭ.ސީ.ސީން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން އަމިއްލައަށް އެދިގެންވެސް މިފަދަ ކަންކަމާއި ގުޅިގެން އިސްލާޙުކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ދެނެގަނެ، އެކަންކަމުގައި އޭ.ސީ.ސީގެ ލަފާ ހޯދަމުންދާކަމަށް އެކޮމިޝަނުން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެކަންކަން މިހާރަށްވުރެވެސް ފުރިހަމައަށް ކުރިއަށްގެންދިއުމަށްޓަކާއި ޕްރޮކިއުމަންޓާ ގުޅުންހުރި މަސައްކަތްތަކާއި، ނަޒާހަތްތެރިކަމާއި، ކޮރަޕްޝަނާގުޅުންހުރި ކަންކަމާއި ގުޅޭގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައް މިއަހަރުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް އޭ.ސީ.ސީން ވިދާޅުވެފައިވެއެވެ.