ކުޅިވަރު

އިންޓަރއިން އޭސީ މިލާނަށް ޕްރެޝަރ ބޮޑުކޮށްފި


އިޓާލިއަން ސެރީއާގައި އިންޓަރ މިލާނާއި ކްރޮޓޯނޭ ބައްދަލުކުރިމެޗް އިންޓަރ ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގާ އޮތް އޭސީ މިލާނަށް ޕްރެޝަރ ބޮޑުކޮށްފިއެވެ. އިންޓަރގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗް އިންޓަރ ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 6 ލަނޑު 2 ލަނޑުންނެވެ.
މިމެޗްގައި އިންޓަރ އަށް ކުޅޭ އާޖެންޓީނާގެ ބައިނަލްއަޤްވާމީ ފޯވަޑް ލައުޓާރޯ މާޓިނޭޒްވަނީ ހެޓްރިކް ހަދާފައެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 12 މިނެޓްގައި ކާމިޔާބުކުރީ ކްރޮޓޯނޭގެ ނޮކޮލޯ ޒަނެލާޓޯއެވެ. މިމެޗްގައި އިންޓަރއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ޖަހާދިނީ މާޓިނޭޒްއެވެ. މިމެޗްގައި އިންޓަރއިން ޖެހި ދެވަނަ ލަނޑަކީ މެޗްގެ 31 ވަނަ މިނެޓްގައި ކްރޮޓޯނޭގެ ލޫކާ މަރޯނޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގައި ދެންވެސް ފެނިގެންދިޔައީ ކްރޮޓޯނޭއިން އެޓީމްގެ ދެވަނަ ލަނޑު ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރި ތަނެވެ. އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 36 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓިއަކުން ކާމިޔާބުކޮށްދިނީ ވްލަޑްމިއަރ ގޮލެމިޗްއެވެ.

މިމެޗްގައި އިންޓަރއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މެޗްގެ 57 ވަނަ މިނެޓްގައި މާޓިނޭޒް ޖަހާދިން ލަނޑުން ނެވެ. އަދި މިމެޗްގައި އިންޓަރގެ 4 ވަނަ ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ޖަހާދިނީ ރޮމެލޫ ލުކާކޫއެވެ. މިއީ ލުކާކޫ އިންޓަރއަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑެވެ. މާޓިނޭޒްވަނީ މެޗްގެ 78 ވަނަ މިނެޓްގައި އިންޓަރގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އަދި އިންޓަރގެ ފަހު ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހާދިނީ އަޝްރަފް ހަކީމީއެވެ.
މިކާމިޔާބީއާއެކު އިންޓަރ މިލާން މިހާރުވަނީ ކުޅުނު 15 މެޗުން ލިބުނު 36 ޕޮއިންޓާއެކު ތާވަލްގެ 2 ވަނަައިގައެވެ. ކްރޮޓޯނޭ އުޅެނީ ކުޅުނު 15 މެޗުން ލިބުނު 9 ޕޮއިންޓައެކު ތާވަލްގެ ފުލުގައެވެ.

ސެރީއާގައި ޔުވެންޓާސް އާއި އުދިނޭސޭ ބައްދަލުކުރިމެޗް ޔޫވޭ ކާމިޔާބުކޮށް ތާވަލްގެ ފަސްވަނައަށް ކުރިއަށް ވަނީ ޖެހިލައިފައެވެ. ޔުވެންޓާސްގެ އަލިއާންޒް ސްޓޭޑިއަމްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4 ލަނޑު އެއްލަނޑުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖެހީ ޔޫވޭގެ ތަޖްރިބާކާރު ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި ދެވަނަ ލަނޑު ފެޑެރީކޯ ކިއޭސާ މެޗްގެ 49 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިން އިރު ޔުވެންޓާސްއިން މިމެޗްގައި ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ރޮނާލްޑޯއެވެ. މިއީ ލީގުގައި އޭނާ ކުޅުނު 11 މެޗްގައި ޖެހި 14 ވަނަ ލަނޑެވެ.

މިމެޗްގައި އުދިނޭސޭއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 90 ވަނަ މިނެތްގައި ޖަހާދިނީ މާވިން ޒީގެލާއެވެ. އަދި ޔޫވޭގެ ފަހު ލަނޑު މެޗްގެ އިތުުރު ވަގުތުގައި ޖަހާދިނީ ޕައުލޯ ޑީބާލާއެވެ.

މިކާމިޔާބީއާއެކު ޔުވެންޓާސްވަނީ ކުޅުނު 14 މެޗުން 27 ޕޮއިންޓް ހޯދާ ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާ ތާވަލްގެ އެއްވަނައިގާ އޮތް އޭސީ މިލާނާއި 10 ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. އަދި ޔޫވޭއިން އެއްމެޗް މަދުން ކުޅެފައިވުމުން މިފަރަގު އިތުރަށް ކުޑަކުރުމުގެ ފުރުސަތު އެންމެފަހުގެ ޗެމްޕިއަން ޔުވެސްޓާސްއަށް އެބައޮތެވެ.

އިޓަލިއަން ސެރީއާގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ތާވަލްގެ ތިން ވަނައިގާ އުޅޭ އޭއެސް ރޯމާ އާއި ސަމްޕްޑޯރިއާ ބައްދަލުކުރިމެޗް އެއްލަނޑު ސުން ލަނޑުން ކާމިޔާބުކުރީ ރޯމާއެވެ. އަދި ނަޕޯލީވަނީ ރަށުން ބޭރުގައި ކަގްލިއާރީ އާއި ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު 4 ލަނޑު 1 ލަނޑުން ކާމިޔާބުކޮށް ތާވަލްގެ 4 ވަނައަށް ކުރިއަށް ޖެހިލާފައެވެ.