ކުޅިވަރު

ފަހަތުން އަރައި ބަޔާން އިން މެޗު ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް


ޖަރުމަނު ބުންޑަސްލީގާގައި ބަޔާން މިޔުނިކާއި މެއިންޒް ބައްދަލުކުރިމެޗް ފަހަތުން އަރާ ބަޔާން އިން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

ބަޔާންގެ އެލިއާންޒް އެރީނާގައި ކުޅުނު މިމެޗް ބަޔާން ކާމިޔާބުކުރީ 5 ލަނޑު 2 ލަނޑުންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި މެއިންޒްއިން ދެއްކި ކުޅުމުން މިމެޗުން ބަޔާން ބަލިވެދާނެކަމަށް ވެލެވުނެވެ. މިގޮތުން މެޗްގެ ފުރަތަމަ ހާފްގައި މެއިންޒްއިންވަނީ 2 ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ދެލަނޑު އެޓީމަށް ޖަހައިދިނީ 32 ވަނަ މިނެޓާއި 44 ވަނަ މިނެޓްގައި ޖޮނަތަން ބަރކާރޑް އާއި އެލެގްޒެންޑަރ ހެކްއެވެ.

ދެވަނަ ހާފްގައި ބަޔާންއިންވަނީ އެޓީމްގެ ކުޅުން ރަގަޅުކޮށް 5 ލަނޑު ޖަހައިފައެވެ. މިގޮތުން 50 ވަނަ މިނެޓްގައި ޖޯޝުއާ ކިމިޗް އެޓީމްގެ ފުރަތަމަ ލަނޑު ޖަހާދިން އިރު މެޗްގެ ނަތީޖާ ހަމަހަމ ކުރި ލަނޑު އޭގެ ފަސް މިނެޓްފަހުން ޖަހައިދިނީ ލިއޯއި ސާނޭއެވެ. މިމެޗްގައި ބަޔާންއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ މެޗްގެ 70 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން ނިކްލަސް ސުލޭއެވެ. އަދި ބަޔާންގެ ތަޖްރިބާކާރު ފޯވަޑް ރޮބަރޓް ލެވަންޑޯސްކީ ވަނީ މެޗްގެ 76 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެޓީމްގެ 4 ވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގައި ބަޔާންގެ ފަހު ލަނޑު 83 ވަނަ މިނެޓްގައި ޖަހާދިނީވެސް ލެވަންޑޯސްކީއެވެ.

މިކާމިޔާބީއާއެކު ބަޔާންއަށް ވަނީ ޕޮއިންޓް ތާވަލްގެ އެއްވަނައަށް އަރާފައެވެ. އެއީ ކުޅުނު 14 މެޗުން ލިބިފައިވާ 33 އިންޓާއެކުއެވެ. އަދި ދެވަނައިގައިވާ އާރް.ބީ. ލިޕްޒިގަށް ލިބިފައިވަނީ 14 މެޗުން 31 ޕޮއިންޓެވެ.