މުނިފޫހިފިލުވުން

ޤައުމީ ފިލްމް އެވޯޑަށް 16ފިލްމެއް ނޮމިނޭޓްވެއްޖެ


މިއަހަރުގެ ޤައުމީ ފިލްމް އެވޯޑަށް  ސޯޅަ ފިލްމެއް ނޮމިނޭޓްވެފައިވާ ކަމަށް ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސް އިން ހާމަކޮށްފިއެވެ.ފިލްމް އެވޯޑާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސްގެ އެގްޒެގެޓިވް ކޯޑިނޭޓަރ އަޙުމަދު ނާޒިމް ވިދާޅުވީ، ފިލްމް އެވޯޑަށް ނުވަ ފީޗަރ ފިލްމް އަދި ކުރު ފިލްމްތަކުގެ ބައިން އެއް ފިލްމް ނޮމިނޭޓްވެފައިވާ ކަމަށް. މިއަހަރުގެ ޤައުމީ ފިލްމް އެވޯޑުގައި ބައިވެެެރިކޮށްފައިވަނީ 2008 އިން 2010 އަހަރާ ހަމައަށް ނެރެފައިވާ ފިލްމްތަައް ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، ހަ އަހަރަށްފަހު މިއަހަރު ޤައުމީ ފިލްމް އެވޯޑު ދެނީ ތޭވީސް ކެޓަގަރީއަކުން ކަމަށެވެ. އަދި ފިލްމްތަކަށް މާކްސް ދިނުމުގައި ހަރަކާތްތެރިވާ ޖަޖުންގެ ޕެނަލް ސިއްރުކޮށްފައިވާ ކަމަށާއި އެކަން އެގޮތަށް ކުރީ އެންމެ އިންސާފުވެރިކޮށް މާކްސް ދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ. ނެޝަނަލް ސެންޓަރ ފޯ ދި އާޓްސްއިން ބުނީ އެ އެވޯޑަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފަންނުވެރިންނަށް ހިތްވަރުދީ އެމީހުންގެ މަސައްކަތުގެ އަގު ވަޒަންކޮށް އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަގްސަދުގައި ދެމުން އަންނަ  އެވޯޑެއް ކަމަށެވެ. ޤައުމީ ފިލްމް އެވޯޑު ދިނުމުގެ ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ބާވީސް ވަނަ ދުވަހުއެވެ.